މޫސުން ގޯސް، ގިނަ އަތޮޅުތަކަކަށް ރީނދޫ ސަމާލު ނެރެފި

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ، ނ. އަތޮޅުން ފެށިން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) ވަނީ، ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މެންދުރު 1:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިއަދު ހެނދުނަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، މެންދުރު 1:00އާ ހަމައަށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮތީ ކުރިން ވެސް ރީނދޫ ސަމާލެއް ނެރުނެވެ. މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. މި ވިއްސާރައިގައި، ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ، ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް ނެޝަނަލް ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް މިއަދު ވަނީ ހާމަކޮށްފައެވެ. ވިއްސާރައިގެ ސަބަބުން އާ އަހަރާ ގުޅިގެން މިރެއަށް ތާވަލުކުރި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ވަނީ ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ