އަލީ ވަހީދު ހާޒިރުނުވުމުން ސުޕްރީމް ކޯޓުގައި އަޑުއެހުން ނުބޭއްވުނު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުނުވުމުން، ސުޕްރީމް ކޯޓުގައި މިއަދު ތާވަލުކުރި އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވި، އަޑުއެހުން ކަންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކުރީ މިއަދު ހެނދުނު 9 އަށެވެ.
ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އަލީ ވަހީދުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ނުވަތަ ނުގެންދަން އަދި ފަނޑިޔާރުން ނިންމަވާފައި ނުވާ ކަމަށެވެ.
ތަފްސީލް - އިނގިރޭސިވިލާތުގައި އަދިވެސް ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގައި އޭނާއަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކޯޓުން ވަނީ ނިންމުމެއް ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އަމުރުކުރުމުން، އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
އެނގުން މުހިންމު - އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ، އެ މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އޭނާގެ އެއްވެސް ޝަރީއަތެއް އޮންލައިންކޮށް ކުރިއަށް ނުގެންދަން އަމުރުކޮށްފަ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
ޖިންސީ އަނިޔާކުރުމުގެ ދައުވާ
ޖިންސީ ގޯނާކުރުމުގެ ދައުވާ
ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ 
އަލީ ވަހީދު ވަނީ ހުރިހާ ދައުވާތަކަށް ވެސް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ، އެ ތުހުމަތުތަކުގެ ފަހަތުގައި ވަނީ ސިޔާސީ ބަޔަކު ކަމަށާއި އޭނާ "ފްރޭމް" ކޮށްފައިވާ ކަމަށެވެ.
އިތުރަށް ކިޔާލަން -
ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ޖަލަށް ލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ