ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރު (އޭސީޕީ)އިން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދު (ޓޫފޯ) ފުލުހުންގެ ވަޒީފާއިން ވަކިކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ތެރޭގައި މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދު ހިމެނެ އެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު 10ގައި ވަޒީފާއިން ވަކިވާނެކަން އަންގައި އެ ދެ މީހުންނަށް ނޯޓިސް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު 30ގަ އެވެ.
ވަޒީފާއިން ވަކިކުރަން ނިންމި ފަސް ފުލުހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ:
ވަޒީފާއިން ވަކިކުރުމާ ގުޅޭ އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި
އެއީ ގާނޫނާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި
ވަޒީފާއިން ވަކިކުރުމަކީ ޕޮލިސް ބޯޑަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި
ވީ ކިހިނެއް؟ - އެ މައްސަލައިގައި ކޯޓުން ގޮތެއް ނިމެންދެން، ވަޒީފާއިން ވަކި ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ:
އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދު ފިޔަވައި ދެން ތިބި އޮފިސަރުން އެދުނު ވަގުތީ އަމުރު ނެރެދިނުމަށް
އެ ދެ އޮފިސަރުންނަށް ވަގުތީ އަމުރު ނެރެ ނުދިނީ، ވަގުތީ އަމުރަށް އެދުނުއިރު ވެސް އެ މީހުން ވަޒީފާއިން ވަކިވެފައި ވާތީ، ގާނޫނީ އިތުރު ފަރުވާއެއް ލިބެން ނެތުމުން
އެހެންކަމުން، އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ދައުލަތުގެ ބަސް - ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ، އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދު އެދިފައިވާ އަމުރު ނެރެދީފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަށް ގޮތެއް ކަނޑައެޅި، އެ ދެ މީހުންގެ ވަޒީފާ ރުޖޫއަވުން ކަމަށެވެ. އެހެންކަމުން، ހައި ކޯޓުގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ބަސް - ދެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު، ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ޑރ. މުހައްމަދު އިބްރާހީމާއި އަޒްމިރަލްޑާ ޒާހިރު އަދި އާއިޝާ ޝުޖޫން އިއްތިފާގުވެވަޑައިގަތީ، ހައި ކޯޓުގެ އަމުރަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ ނިންމުމަކާ ހިލާފު އަމުރެއް ކަމަށް ދެ އޮފިސަރުންގެ ފަރާތުން ބުނި ނަމަވެސް، އެކަން ސާބިތުކޮށްނުދެވޭ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ ވަގުތީ އަމުރެއް ނެރެދިނުމުގައި ބަލާ އެންމެ އަސާސީ ކަމަކީ، މައްސަލަ ހުށަހަޅާ ފަރާތުން އެދޭ ފަރުވާއަކީ ވަގުތީ ފަރުވާއެއް ދެވިދާނެ ކަމެއްތޯ ކަމަށެވެ. މި މައްސަލައިގައި އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދުގެ ފަރާތުން އެދިފައިވަނީ ވަގުތީ ހައްލަކަށް ވުރެ ބޮޑަށް، އަސްލު މައްސަލަ ބެލި ޝަރީއަތް ކުރެވިގެން ނޫނީ ދެވޭނެ ފަރުވާއެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
އެނގުން މުހިންމު - ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވަނީ:
ޕޮލިސް ބޯޑުން ބަލާނީ ކޮމިޝާނަ އޮފް ޕޮލިސް ފިޔަވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ އޮފިސަރުންގެ ކަންކަން ކަމަށް
އެ އޮފިސަރުންގެ މައްސަލަތައް ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ތެރޭ ބަލަން ޖެހޭނެ ކަމަށް
ފުލުހަކަށް ވީތީ ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބޯޑުން ބަލަން ޖެހޭނެ
ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލާނެ
ޖަމްޝީދާއި އަހްމަދު މުހައްމަދަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ