ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހ.ލޮބީ ހުސެއިން ހުމާމް މެރުމަށްކޮށްފައިވާ ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ޑރ. އަފްރާޝީމް އަވާހާރަކޮށްލާފައި ވަނީ 2 އޮކްޓޯބަރު، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އެމައްސަލައިގައި ހުމާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ހުމާމް މެރުމަށްކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމްކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުއެވެ.
އެ ހުކުމުގެ މައްސަލަ ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ މައްޗަށް ކުރި، ގަސްދުގައި މީހަކުމެރުމުގެ ކުށް ސާބިތުވެފައިވަނީ އެއްވެސް ޝައްކެތް ޝުބުހެއް ނެތް މިންވަރަށްކަމަށާއި އެ މަރުގައި (ޤަތުލު އަމުދު) ގަސްދު މަރުގައި ފުރިހަމަވާންޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވާކަމަށްވެސް ސުޕްރީމް ކޯޓްގެ ހުކުމްގައިވެއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމް ޖަލުގައި ހުންނަތާ މިހާރު 11 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ