ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނީ އެވެ. ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އިގުތިސޯދީ ކުރިއެރުން ހޯދައިދީ، ޖީބުތައް ތަނަވަސްކޮށްދީ، ތަރައްގީ އާއި ތަމައްދުނުގެ ރޮނގުން ގައުމު އާ އުސްމިނަކަށް ގެންގޮސް ދެއްވާނޭ ކަމުގެ ވައުދުތަކާއެކު އެވެ. އެހެންނަމަވެސް، ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފާއިތުވި އިރު ގައުމާއި ރައްޔިތުންގެ ހާލަތު މިއަދު މިއޮތީ ކިހިނެއްތޯ އެވެ. މި ހާލަތުން އަރައިގަނެވޭނެ މަގު ހޯދަން މިއަދު ޖެހިފައި ނުވޭތޯ އެވެ. ރައީސް މުއިއްޒު ވެވަޑައިގެންނެވި ގުނާ އަދަދު ނުކުރެވޭހާ ގިނަ ވައުދުތަކުގެ މައްޗަށް މިނިވަން ވިސްނުމަކުން ވިސްނާ ފިކުރުކުރާން މިއަދު ނުވޭތޯ އެވެ. ރައީސް މުއިއްޒު ވެރިކަން ހޯއްދެވުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިހުލާސްތެރިކަން ހުރިނެތް މިންވަރާއި، ވައުދު ފުއްދެވުމަށް ފާއިތުވި މުއްދަތުގައި މަސައްކަތްތަކެއް ކުރެއްވިތޯ ނުވަތަ ނޫންތޯ އާއި، މިއަދު ފެންނާން ހުރި ނަތީޖާތަކުގެ މައްޗަށް ނަޒަރު ހިންގާ، ކުރިމަގާމެދު ވިސްނާ ފިކުރުކޮށް، އެކަށޭނަ ފިޔަވަޅު އަޅާން ނުވޭތޯ އެވެ.
ޝައްކެއް ނެތެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީއަށް ކުރެވިދިޔަ ގިނަ ގުނަ މަސައްކަތްތަކާއެކު، އެ ފަސް އަހަރު ނިމުނު އިރު ގައުމުގެ އިގުތިސޯދު ކުރިއަރައި، ރައްޔިތުންގެ މާލީ ތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނެ ރާސްތާ އެމްޑީޕީއިން ދައްކަމުން ދަނިކޮށް، ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓުދިނީ އިތުރު ހެޔޮ ބަދަލެއް އަންނާނެކަމުގައި ފޮނި އުއްމީދުގައި ކަން ކަށަވަރެވެ. ޕީއެންސީގެ ވައުދުތަކަށް އިތުބާރާއި ޔަގީންކަން ދީގެންނެވެ. އެ އިތުބާރުގެ މައްޗަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ.
އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ދެ އަހަރު މިއަދަށް ގުނާ ނިމުނުއިރު ޖަވާބު ހޯދާން ޖެހިފައިވާ ބޮޑު ސުވާލެއް އެބަ އޮތެވެ. ރައީސް މުއިއްޒުއާއި ގައުމުގެ ހުންގާނު ހަވާލުކޮށް، ރައްޔިތުން ކުރި އިތުބާރަށް މި ސަރުކާރުން ދިނީ ކިހާވަރެއްގެ އިހުތިރާމެއްތޯ އެވެ؟ ވެރިކަމަށް ވަޑައިގަތުމަށް ދެއްކިހާ ހުވަފެންތަކުގައި މިސަރުކާރުން ކުލަ ޖައްސާދެމުން ދަނީ ކިހާ މިންވަރަކަށްތޯ އެވެ؟ ވީ ވައުދުތަކަށް އިހުލާސްތެރިވޭތޯ އެވެ؟ ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް ކުރައްވާ ކަމެއް ހަމަ ހިލާ ފެންނާން އެބައޮތްތޯ އެވެ؟
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ތުރުކީއަށް ރަސްމީ ދަތުރުފުޅެއްކުރެއްވި އެވެ. އެ ޒިޔާރަތަށްފަހު މާލެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަދި އޭގެ ވެސް ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައި ވާކަމުގަ އެވެ. އެއަށްފަހު ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ސީދާ ޔޫރަޕުން އެތެރެކޮށް، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޭސްތައް އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނޭކަމުގެ ފޮނި ވައުދެވެ. އެއަށްފަހު އާސަންދައިން ބޭސްފަރުވާ ކުރެވޭނެ މަގު ބެންކޮކުންނާއި ދުބާއީ ފަދަ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ފަހިކޮށްދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ދައުރުގެ ކުރީކޮޅު ވައުދު ވެވަޑައިގެންނެވި އެވެ. ޑޮލަރުގެ އަގު ދެން މަތި ނުވާނޭ ކަމަށާއި، ތަކެތީގެ އަގު އުފުލިގެން ނުދާނޭކަމަށް ވިދާޅުވެ އެތަކެއް ހުވަފެންތަކެއް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްކެވި އެވެ.
އާދޭހެވެ! ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައީ އެވެ. ތުރުކީން އަންނަ ކާޑުގެ ބާވަތްތައް އަދިވެސް ރާއްޖެއާއި ހަމައަށް ނުފޯރަ އެވެ. ޔޫރަޕުން ރާއްޖެއަށް އެތެރެކުރާނޭކަމަށް ވިދާޅުވި ބޭސް، ދެ އަހަރު ފާއިތުވެގެންދާއިރު ވެސް ރައްޔިތުންނަށް ނުލިބެ އެވެ. ޔޫރަޕުން ބޭސް ލިބެމުން ނުދާތާނގައި، ރާއްޖޭގެ ބޭސް ފިހާރަތަކުން ބޭސް ލިބުން ވެސް ވަނީ ތަދު ބޭހަކަށް ވެފަ އެވެ.
ޑޮލަރުގެ އަގު މަތިވެގެން ނުދާނޭކަމަށް ވިދާޅުވެ ވީ ވައުދު ވެގެން ދިޔައީ ބިލާހަކަށެވެ. ދިވެހި ތާރީހުގައި ވެސް ޑޮލަރުގެ އަގު މަތި ނުވާ މިންވަރަށް އުފުލި، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިގެން ދިޔައީ އެވެ. ތަކެތީގެ އަގު އަތް ނުފޯރާފަށަށް އުފުލި، ރައްޔިތު މީހާ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިވެ އިނދަޖެހިއްޖެ އެވެ.
މިއީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ދޮގު ވައުދުތަކުގެ މައްޗަށް، ދިވެހި ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކުގެ ނާޖާއިޒު ފައިދާ ނެންގެވުމަށް، ބިރަކާނުލާ ވެވަޑައިގެންނެވި ދޮގު ވައުދުތަކުގެ މަދު މިންވަރެކެވެ.
އެއްވެސް ޝައްކެއް ނެތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވައުދު ވެވަޑައިގެންނެވި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތަކަކީ މިއަދު ދައްކާ ކޮޅުން ލާންހުރި ވާހަކަތަކެއް ނޫނެވެ. ބޯހިޔާވަހިކަމުގެ ވައުދަކީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ތަރައްގީގެ އެންމެ ބޮޑު ވައުދެވެ. އެއީ ހިނގަމުން މިދާ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ފުރިހަމަ ބޯހިޔާވަހިކަމެއް ނުލިބޭ ހަމަ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދެވެ. ވެރިކަމަށް ދެ އަހަރުފުރުނުއިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހިކަމެއް ފޯރު ކޮށްދެއްވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށްޓަކާ އެޅުއްވި ބިންގަލެއް ކީއްކުރަންތޯއެވެ. ބޭއްވެވި އެންމެ ގާބުރިއެއް ވެސް މިއަދާއި ހަމައަށް ފެންނާކަށް ނެތެވެ. ބަދަލުގައި ފެނިގެން މިދަނީ، ތަރައްގީގެ މަޝްރޫއުތަކަކީ ސިޔާސީ ފަރާތްތަކުގެ ޖީބުތައް ތަނަވަސްކުރުމަށް ހިންގަވާ ކޮރަޕްޝަންގެ ބޮޑު ސްކޭމަކަށް ހެއްދެވި ތަނެވެ. އާންމުކޮށް އިއުލާން ކުރުމަކާ ނުލާ 200 ޕްރޮޖެކްޓް ރައީސް މުއިއްޒުއަށް ވާގިވެރިވާ ސިޔާސީ ފަރާތްތަކާއި ގުޅުންހުރި ކުންފުނިތަކަށް ބައްސަވާލެއްވީ، ރައްޔިތުންގެ ބޭންކުގައި ހުރި ދިވެހިރައްޔިތުންގެ ފައިސާއިން 2.7 ބިލިއަން ރުފިޔާ ނަންގަވައިގެންނެވެ. އެއީވެސް ރައްޔިތުންގެ ހިއްސާއޮތް ޤައުމީ ބޭންކުގެ ހިއްސާދާރުންގެ ގާތުން "ހޭ"ވެސް އަނހާލުމަކާ ނުލަ އެވެ.
ރައީސް މުއިއްޒު ވަނީ ރަށްރަށުގައި ކުރިޔަށް ގެންދަވާ ތަރައްގީގެ މަޝްރޫއުތަކަކީ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށާއި އިންތިހާބުތަކާއި ދިމާކޮށް ހަމައެކަނި ވޯޓު ހޯއްދެވުމަށް ޖައްސަވާ ކަޑަތަކަކަށް ހައްދަވާފަ އެވެ. މަޝްރޫއުތައް ހަވާލުކުރައްވާފައި ވަނީ ހިންގުމުގެ ގާބިލު ކަމެއް ނެތް، ބަނގުރޫޓު ވަމުންދާ ދައުލަތުގެ ކުންފުނިތަކާ އެވެ. ވަޑައިގަންނަވާ ކޮންމެ ރަށަކުން ފެންނަމުން ދަނީ، ރައްޔިތުންނަށް އަވާ މެންދުރެއް ދެއްކެވުމަށް، ގެންދަވާ ހިލަ ބާޖަކާއި ހައިމާކެކެވެ. އެއާއެކު މިއަދުގެ އެންމެ ބޮޑު ހަގީގަތަކީ ކޮބައިތޯ އެވެ؟ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ އެންމެ ބޮޑު ވައުދު ކަމުގައިވާ ބޯހިޔާކަމުގެ ވަޢުދު ބޮޑު ސްކޭމަކަށް ވެގެންދިޔަ ތަނެވެ. ރަށްރަށަށް ތަރައްގީ ގެނެސް ދެއްވާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދުތައް މިވީ އަވާ މެންދުރަކަށެވެ.
މީގެ ދެ އަހަރު ކުރިން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެ އަޅުވެތިވެ، މި ޤައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، މި ދިވެހިރާއްޖެ މިނިވަން ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އަދި ފިސާރި ފުޅާކޮށް މިނިވަންކަމުގެ ރަތް ރޮނގެއް ދަންމަވާލައްވާނެކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ކަމަށާއި، އެތަން އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށެވެ. ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުން ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަ ކުރައްވާނެ ކަމަށެވެ.
އެވަރުން ވެސް ފުދުނީއެއް ނޫނެވެ. އައްޑޫގައި އިންޑިއާގެ އެހީތެރިކަމާއެކު ބިނާކުރި ޕޮލިސް ޓްރެއިނިން ސެންޓަރަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެމަނިކުފާނު އިސްވެ ހުންނަވާ ދިވެހި ރައްޔިތުންގެ ވިސްނުން ތަގައްޔަރު ކޮށްފަ އެވެ. ދަންމަވާ ލައްވާނެ ކަމަށް ވިދާޅުވި ރަތް ރޮނގަކީ އިސްވެ ދެންނެވުނު އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަން ކޮށްދެއްވާނެކަމަށް ވިދާޅުވެ ވަވަޑައިގެންނެވި ވައުދު ފުޅެކެވެ. ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރު ނަތީޖާއަކީ ކޮބައިތޯ އެވެ. އުތުރު ތިލަފަޅުގައި އޭރު ވެސް ތިބި އިންޑިއާ މީހުން މިއަދުވެސް އެބަތިއްބެވެ. މިއަދު ހުދު ރައީސް މުއިއްޒު ވެސް ގަބޫލުކުރައްވާފައިވާ ހަގީގަތަކީ އުތުރު ތިލަފަޅު އަޅުވެތި ކޮށްގެން އެތަނުގައި އިންޑިއާ ސިފައިން އެއްވެސް އިރަކު ނެތް ކަމެވެ. ހާމަވެގެން ދިޔައީ އެއީ އިންޑިއާގެ ތަނެއްކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގުތަކުގެ އަސްލު ހަގީގަތަކެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރައްވާނެކަމަށް ވިދާޅުވި އުތުރު ތިލަފަޅު އެއްބަސްވުން އަދިވެސް އޮތީ ތިޖޫރީގައި ރައްކާކޮށްފަ އެވެ. ދައުލަތުން އެއްބަސްވާ ހުރިހާ އެއްބަސްވުމަކީ އެއެއް މިއެއް ބެލުމެއްނެތި ހާމަ ނުކުރެވޭނެ އެއްބަސްވުންތަކެއްކަން އެނގި ހުންނަވާމެ، ޑިޕްލޮމެޓިކް ހަގީގަތްތައް އޮޅުވާލައްވާ، ހެއްދެވި އެ ބޮޑު ދޮގު މިއަދު މިއޮތީ ދިވެހިރައްޔިތުންނަށް ހާމަކަން ބޮޑުކޮށް ފެންނާށެވެ. ހަމައެކަނި ވެރިކަން ހޯއްދެވުމުގެ ބޭނުމުގައި، އައްޑޫ ޕޮލިސް ޓްރެއިން ސެންޓަރަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ ދެއްކެވިހާ ވާހަކަތަކުގެ އަސްލު ހަގީގަތް މިއަދު މިއޮތީ މާ ސާފުކޮށް ފެންނާށެވެ. ވެރިކަމަށް ދެ އަހަރު ފުރިގެންދިޔައިރު، ފެންނާން އޮތް ހަގީގަތަކީ ދަންމަވާ ލައްވާނެކަމަށް ވިދާޅުވި ރަތް ރޮނގަކީ ރައްޔިތުން ޖެއްސެވި "ގުއި ރޯނެއް" ކަމެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ފާއިތުވެގެން މިދާ ދެއަހަރުގެ މުއްދަތުގައި ރައްޔިތުންނާއި އެކު އަމާން ބަނދަރަކާއި ދިމާލަށް މިސްރާބު ޖެއްސެވިފައެއް ނުވެ އެވެ. ރައްޔިތުންގެ ހާލަތު ބަދަލެއް ނުކުރެއްވުނެވެ. ކޮރަޕްޝަނާއި ފަސާދަ މުޅި ދައުލަތުގައި އާންމު ވެއްޖެ އެވެ. ބޮޑެތި މީހުންނަށް މޮޅު ގޮތެވެ. ރައްޔިތު މީހާއަށް ނިކަމެތި ކަމެވެ. ރައީސް މުއިއްޒުގެ އިންސާފު ވެގެން މި ދިޔައީ ކަނޑުގެ ގާނޫނަށެވެ. ސިޔާސީ އެކްޓިވިސްޓުން ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ހަމަޖައްސަވައި، ދައުލަތުގެ މުއައްސަސާތައް އަޅުވެތި ކުރެއްވީ އެވެ. ޝަރުއީ ދާއިރާއަށް އަތް ބޭނުއްވީ އެވެ. އެތައް ގުރުބާނީ އަކުން ހޯދި މީޑިއާގެ މިނިވަންކަން ގެއްލުވާލެއްވީ އެވެ. މުޅި ދައުލަތުގައި ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ޖައްސުވާ، ބާރުތައް މުށުތެރެއަށް ލެއްވުމުގެ މަސައްކަތް ފެއްޓެވީ އެވެ. މިއީ ފާއިތުވި 2 އަހަރުގެ ރައީސް މުއިއްޒުގެ ވެރިކަމުގެ ލެގަސީ އެވެ. ހާސިލްކުރެއްވި ނަތީޖާ އެވެ. ރައްޔިތުންނަށް ޖެއްސި ހާލުގެ ވާހަކަ އެވެ.
އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މިއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫންކަމެވެ. ދިވެހި ރައްޔިތުންނަކީ ދުވަހަކު ވެސް ބޭއިންސާފަށް ރުހި ގަބޫލުވެގެން ތިބޭނޭ ބައެއް ނޫން ކަމެވެ. ކަރަޕްޝަނާއި ފަސާދައަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާނެ ކަމެވެ. ދޮގާއި މަކަރާއި ހީލަތްތެރި ކަމަކީ އެއްވެސް ޒަމާނެއްގައި ކާމިޔާބު ހޯދިފައިވާ ފަލްސަފާއެއް ނޫން ކަމެވެ. ހުދުމުހުތާރުކަމާއި އަނިޔާވެރިކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނޭ ސިފަތަކެއް ނޫން ކަމެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރައީސް މުއިއްޒުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރަކީ ދިވެހި ގައުމަށް އަނދިރިކަން ގެނުވި ދެ އަހަރެވެ. އެތައް ގުނައަކުން ގައުމު ފަހަތަށް ސޮއްސާލި ދެ އަހަރެވެ. ރައްޔިތުންނަށް ނިކަމެތިކަމާއި މާޔޫސްކަން ގެނުވި ދެ އަހަރެވެ. މި ދިވެހި ގައުމުގެ މާލިއްޔަތު ލޫޓުވާލި ދެ އަހަރެވެ.
ދިވެހި ލޮބުވެތި ރައްޔިތުންގެ ޢަޒުމަކަށް މިއަދު ހަދަންވީ، ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް މި ލޮބުވެތި ގައުމު ގުރުބާން ކުރުމުގެ އިތުރު ފުރުސަތެއް ރައީސް މުއިއްޒުއަށް ނުދެއްވުމަށެވެ. ދިވެހި އެންމެހާ ރައްޔިތުން މިއަދު ގަބޫލުކުރައްވާށެވެ. އައްޔާއި އަނދިރީގެ ފަރަގު އިންތިހާއަށް ބޮޑެވެ. އެނގުމާއި ނޭނގުން ވެސް ހަމަ އެފަދަ އެވެ. ކަމަރު ބަންނަމާ ބަހީއެވެ. ހުދުމުހުތާރު ވެރިކަމެއް މި ގައުމުގައި ފައްކާވިޔަ ނުދެމާތޯ އެވެ. ކޮރަޕްޝަނާއި ފަސާދަ އަށް އިތުރު ދޮރުތައް ހުޅުވިޔަ ނުދެމާތޯ އެވެ. ގައުމުއެކީ ލޫޓުވާން އިތުރު ފުރުސަތެއް ރައީސް މުއިއްޒުއަށް ނުދެމާތޯ އެވެ. މި ދަނޑިވަޅަކީ، ކޮންމެ ރައްޔިތަކީ ވެސް ގައުމުގެ ދިފާއީ އައްޑަނައަކަށްވެ، އެންމެހާ ރައްޔިތުން އާ ހިތްވަރަކާ، އާ އަޒުމަކާއެކު ކަމަރު ބަންނަވަންވީ ހައްސާސް ދަނޑިވަޅެކެވެ.
އަބްދުﷲ ޝާހިދަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްއެއް އަދި ފޮރިން މިނިސްޓަރެކެވެ. މި ލިޔުމުގައި ވަނީ އޭނާގެ އަމިއްލަ ހިޔާލުތަކެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު: ހެއްދެވީ ހުސް ދޮގު، ގައުމު ލޫޓުވަން އިތުރަށް ފުރުސަތު ނުދެއްވާ! ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު: ހެއްދެވީ ހުސް ދޮގު، ގައުމު ލޫޓުވަން އިތުރަށް ފުރުސަތު ނުދެއްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ