ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 46 މެންބަރުންނެވެ. މެޖިސްޓްރޭޓް ވަކިކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދީފައިވެއެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
މި މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އަލީ އާދަމް ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި އަލީ އާދަމް ވަނީ ޖޭއެސްސީގެ މެންބަރަކު އޭނާއަށް އިންޒާރު ދިން ކަމަށާއި އަދި މެންބަރުން އޭނާއާ މުއާމަލާތް ކޮށްފައިވަނީ ވަރަށް "ރޫޑް" ކޮށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ޖޭއެސްސީން ކޮމިޓީ އަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ އެއްވެސް މެންބަރަކު އޭނާއާ އެގޮތަށް ވާހަކަ ދައްކައިފައި ނުވާނެ ކަމަށާއި އަދި އެކަން ތަހުގީގުގެ އަޑުއެހުންތަކުގެ ރެކޯޑިން އިން އެނގޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
މީގެއިތުރުންވެސް މެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީއިން ބަލާފައިވެއެވެ.
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ