ތިބާގެ އަންހެންދަރި (2)

ކީރިތި ޤުރްއާނުގައި الله تعالى ވަޙީކުރައްވައިފައި ވެއެވެ. ﴿لِّلَّـهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ﴾ (سورة الشورى: ٤٩) (މާނައީ: "އުޑުތަކާއި، ބިމުގެ ވެރިކަން ވަނީ ﷲއަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެ ކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ." މި އާޔަތުގައި އަންހެން ދަރިން ދެއްވާ ވާހަކަ އިސްކުރެއްވުމުގައި ހިކުމަތެއް ވާކަމަށް ޢިލްމުވެރިން ބަޔާންކުރަށްވައެވެ. ވިދާޅުވަނީ، އެ ކަމުން އަންހެންދަރިންގެ ޤަދަރާއި ޝަރަފު، އަދި އެ ދަރިންނަށް ދެވޭ އަހައްމިއްޔަތާއި، ރައްކާތެރިކަން ދޭހަވާ ކަމުގައެވެ. އެހެނީ އަންހެންދަރިޔަކު ވިހޭ ކަމުގެ ޚަބަރަކީ ވަރަށްގިނަ ބަފައިންނަށް ތަޙައްމަލުކުރަން ދަތި ޚަބަރަކަށް ވީތީއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އިސްލާމްދީން އައުމުގެ ކުރިން ޖާހިލުކަން ފެތުރިފައި އޮތް ޢަރަބި ޤަބީލާތަކުގެ ތެރޭ މި ކަން ބެލެވިފައި އޮތީ ވަރަށް ބޮޑު ސުންޕާ ކަމެއްގެ ގޮތުގައެވެ. އެ ދަރިންގެ ކިބައިން ސަލާމަތްވުމަށް ޓަކައި އެބައިމީހުން، އެ މީހުންގެ އަންހެންދަރިން ދިރި ތިއްބާ ވަޅުލިއެވެ. އެ މީހުންގެ ނަޒަރުގައި އެހައި ދަށު ދަރަޖަ ދެވިފައިވާ އިންސާނުން އެއީ ﷲގެ ހަޟްތަރުގައި މަތިވެރިވެ މާތް ވެގެން ވާ ބައެއްކަން، ދޭހަކޮށްދިނުމުގެ ގޮތުން މި އާޔަތުގައި އަންހެންދަރިން ފުރަތަމަ ޒިކުރުކުރައްވައިފައި އޮތް ކަހަލައެވެ. އަނެއްބައި އިލްމުވެރިން ދެކެލައްވާ ގޮތުގައި، މި އާޔަތުގައި އަންހެންދަރިން ފުރަތަމަ ޒިކުރު ކުރައްވައިފައި ވަނީ އަންހެންދަރިންގެ ލޫޅާފަތިކަމާއި ޟަޢީފުކަމަށް ޓަކައި އެ ދަރިންނަށް ހުރިހާ ރައްކާތެރިކަމަކާއި، ހިމާޔަތެއް ދިނުމުގެ މުހިންމުކަން ބަޔާންކުރެއްވުމަށެވެ. މި ދެންނެވި ފަދަ ޤަދަރާއި ޝަރަފުވެރިކަމެއް ދިނުން އެއީ އިސްލާމްދީން އައުމުގެ ކުރިންއޮތް ޖާހިލިއްޔަތުގެ ތެރޭ އުޅުނު މީހުންނަށް، އިސްލާމްދީނުގެ ކުރީކޮޅުގައި ބަލައިގަންނަށް އެހާ ފަސޭހަވި ކަމެއް ނޫނެވެ. އަންހެން ދަރިންނާމެދު އެފަދަ އަންދާޒެއް އެ މީހުންގެ ބުއްދިތަކަކަށް ނާދެއެވެ. އަންހެނުންނަށް ވެސް ވިސްނިފައި އޮންނަނީ ފިރިހެނުން ހެދި ކޮންމެ ގޮތެއް ހެދިގެން ތިބުން އެއީ އެ މީހުންގެ ޤަދަރާއި ޝަރަފު ކަމުގައެވެ. އެ ޒަމާނަކީ އަންހެންދަރިންގެ އަގު މީސްތަކުންގެ ކުރިމަތީ އެހައި ދަށު ދަރަޖައަކަށް ވައްޓައިލެވިފައި އޮތް ޒަމާނެކެވެ. އެ މައުސޫމު ކުދިންނާއި ބޮޑެތި އަންހެނުން ވެސް ބާޒާރުތަކަށް ނެރެ އެތަނުގައި ވިއްކާލެވޭ މުދަލެއްފަދައިން އެތުރި ޒަމާނެއެވެ. އޭރުގެ މީހަކަށް އޭނާއަށް އަންހެން ދަރިއެއް ލިބުނު ކަމުގެ ޚަބަރު ދެވިއްޖެއްޔާ އެ ކަން ވެގެންދަނީ އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ހިތާމަ ކަމުގައެވެ. އެ މުސީބާތުގެ ބޮޑުކަމުން އޭނާ މީސްތަކުންގެ ތެރެއަށް ނިކުމެ އުޅެން އުނދަގު ވެއެވެ. އަދި އެ ދަރިފުޅު ގެންގުޅޭނީތޯ، ނޫނީ ދިރިހުއްޓާ ފަސްގަނޑުތެރޭ ވަޅުލާނިތޯ އޭނާގެ ހިތަށްއަރައެވެ. މި ވާހަކައިގެ ނުބައިކަމުންނާއި އަންހެނުންނާމެދު އެފަދަ އަނިޔާވެރި ކަމެއް ނުގެންގުޅުމަށް މީސްތަކުންނަށް ދާއިމީ ހަނދާންކޮށްދިނުމަކުން ހަނދާންކޮށްދިނުމަށް އެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ. ﷲ ވަޙީކުރައްވަނީ ﴿وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ (٥٨) يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ، أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ، أَلَا سَاءَ مَا يَحْكُمُونَ (٥٩)﴾ (سورة النحل) މާނައީ: "(58)އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެ ކަމުގެ ޚަބަރު ދެވިއްޖެނަމަ، އެ މީހެއްގެ މޫނު އަނދިރިވެތެވެ. އޭނާއަށް އެ ކަމުގެ ހިތާމަ ލިބިގެންވާ ހާލުގައެވެ. (59)އެ މީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ ޙުކުމް ހާދަހައި ނުބައިވެގެން ވެއެވެ." ރަޙުމާއި ކުލުނު އެބައިމީހުންގެ ހިތްތަކުގައި ނެތީބާވެއެވެ؟ ނުވަތަ އެ ނޫން މަޖުބޫރީތަކެއް އެ މީހުންގެ ވަށައިގެން އެނބުރެނީބާއެވެ؟ މިއަދު ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަންހެން ދަރިން ނިކަމެތިކުރުން ނެތެކޭ ނުދެންނެވޭނެއެވެ. މުޖުތަމަޢުތަކުން އިސްކޮށްފައިވި އާދަތަކެއްގެ ސަބަބުން އެ ދަރިންނާ މެދު ކަންބޮޑުވެ ހާސްވާން ޖެހޭ ވަރަށް ބައެއް ބަފައިންގެ ހާލަތު ދަނީއެވެ. ޚާއްޞަކޮށް ކާވެނީގެ މައުޟޫޢުގައި ގެންގުޅޭ އެއްވެސް އަސްލެއް އުސޫލެއް ނެތް ބައެއް ކަންކަން މި ކަމުގެ ހެއްކެއްގެ ގޮތުން ފުދެއެވެ. ބައެއް ސަގާފަތްތަކުގައި ކާވެނީގެ ހަފުލާ ތައްޔާރުކުރަން ޖެހެނީ އަންހެން ކުއްޖާގެ ޢާއިލާގެ ފަރާތުންނެވެ. އަދި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި އުޅޭނެ ގެދޮރާއި ދަތުރުފަތުރަށް ސަވާރީއެއް ވެސް ދީފައި ނޫނީ އަންހެންދަރިން ފިރިހެނަކާ ކާވެނިކޮށް ދޫކޮށް ނުލެވޭނެއެވެ. މިފަދަ އެތައް ސަބަބަކާހުރެ އަންހެންދަރިއަކު ލިބުމަކީ ބައްޕައަށް ހިތާމައިގެ މައްޗަށް ހިތާމަކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބެލެވިފައި އެބަހުއްޓެވެ. ކާވެނީގެ އަގު ބޮޑުވެ އެ ކަމަށް ކުޅަދާނަކަން ނެތުނީމައި ބަދުއަޚުލާޤީ އެތައް ކަމެއްގެ ތެރެއަށް އުމުރުން ދޮށިވަމުން އަންނަ އަންހެންދަރި ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އޮންނަނީ ބޮޑުވެފައެވެ. މިއީ ވެސް ބަފަޔަކަށް ކުޑަ ހިތާމައެއް ނޫނެވެ. އެފަދަ ކަމެއްގައި ބަނދެވިއްޖެއްޔާ އެ ދަރި ދުނިޔެއާއި އާޚިރަތުގައި ވޭނާ އަޒާބު ތަޙައްމަލުކުރަން ޖެހޭނެ ކަމުގެ ފިކުރު ބައްޕަގެ ކިބައިގައި އޮންނަނީ ބޮޑުވެފައެވެ. އަޅައިފި ކޮންމެ އަތަކަށް މަރޭ ބުނާހެން އަންހެންދަރިޔާ އެކު ކޮންމެ ދިމާލަކުން ވެސް ވިސްނާފިކުރުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާޅުވެފާޅުވެ ހުރެއެވެ. ދިވެހި މުޖުތަމަޢުގައި މި ހިސާބަށް ކަންތައް ގޮސްފައި ނެތަސް، ވިހާފައި ދަރިން އެއްލައިލާ ކަމުގެ ޚަބަރުތައް މަދުންނަށްވުރެ ގިނައިން މިހާރު އިވެންފަށައިފިއެވެ. އޭގެތެރޭގައި އަންހެންކުދިންނާއި ފިރިހެން ކުދިން ވެސް ހިމެނެއެވެ. ގިނައީ ކޮންވައްތަރެއްގެ ކުދިންނެއް ކަމެއް ބެލެވިފައެއް ނެތެވެ. އަދި އެފަދައިން އެކަން ކުރަނީ ކީއްވެތޯ ވެސް ބަލައި ދިރާސާކޮށްފައި އޮތްހެނެއް ހިޔެއް ނުވެއެވެ. އެފަދަ ތަޙްޤީޤީ ދިރާސާއަކުން ނޫނީ ސީދާ ނަތީޖާއެއް ނޭނގޭނެއެވެ. ނަތީޖާއެއް ހޯދުމުގެ އަހައްމިއްޔަތެއް އޮތީއެއް ނޫނެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ސަބަބު ދެނެގަތުން މުހިންމުވަނީއެވެ. ދަންނަވަންތޯއެވެ! އަންހެން ދަރިންނަނީ އެތައް ގޮތަކުން ނިޢުމަތެކެވެ. އިސްލާމީ ލޮލުން ބަލައިފި ކޮންމެ މީހަކަށް އޭގެ ބަރަކާތްތެރިކަން ފެންނާނެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ