ލޯބިވެޔޭ ކިޔައިގެން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ސާބިތުނުވުމުން، އަލުން ބަލަން އަންގައިފި

އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު ދެކެ ލޯބިވެޔޭ ކިޔައިގެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ. މިއީ، ދެކުނުގެ ރަށެއްގައި 2022 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ފިރިހެނަކު ވަނީ ސައިކަލެއްގައި އެ ކުޑަ އަންހެން ކުއްޖާ ގޮވައިގެން ދަމުން، އެ ކުއްޖާގެ އުމުރާ ނުގުޅޭ ގޮތަށް ކުއްޖާއާ ވާހަކަދައްކައި، ކުއްޖާ ދެކެ ލޯބިވާކަމަށް ބުނެ، ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައިފައެވެ. އެ މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ކުރި ނަމަވެސް، ދަށު ކޯޓުން ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. ދަށު ކޯޓުން އެ މައްސަލަ ސާބިތުނުވީ، ދަޢުވާ ސާބިތުވާ މިންވަރަށް ކާފީހެކި ލިބިފައިނުވާތީ ކަމަށް ނިންމާފައިވެއެވެ. މިއީ ސާބިތުވި ނަމަ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. ދަށު ކޯޓުގެ އެ ހުކުމް، ދައުލަތުން މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގައި ހައިކޯޓުގައި އިސްތިއުނާފުކުރިއިރު ގިނަ ކަންކަން ފާހަގަކޮށް ދައުލަތުން އެދުނީ މައްސަލަ އަލުން ބަލަން އެންގުމަށެވެ. ދައުލަތުން މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅި މައިގަނޑު ކަމަކީ، އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ޝަރީއަތަށް ނެގުމާ ގުޅޭ ކަންކަމެވެ. މި މައްސަލައިގައި ހައިކޯޓުން މިދިޔަ ހޯމަ ދުވަހު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. ހައިކޯޓުން މައްސަލަ ނިންމީ، ސުޕްރީމް ކޯޓުގެ ނިންމުންތަކަކާ ހަވާލާދީ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ދަށު ކޯޓުން އަލުން މައްސަލަ ބެލުމަށް އަމުރުކޮށެވެ. މި މައްސަލަ ހައިކޯޓުގައި ބެލީ ފަނޑިޔާރު ހުސެއިން މަޒީދު، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ޝަނީޒް އަބްދުﷲއެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ މަޒީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ