މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
މިފްކޯއިން މަސްވެެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެލަށް ބައެއް ބަދަލުތައް ގެންނާނެކަން އިއުލާނުކުރައްވައިފައެވެ. އެގޮތުން މިއަދުން ފެށިގެން މަސްވެރިންނަށް މިހާރު ތެޔޮދޭ އަގަށް އެވްރެޖްކޮށް ގެނެވޭ ބަދަލުގެ ތެރެއިން ލުޔެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާއިރު އަގުހެޔޮވާނެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ. މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަން އަދި ތެލަކުން މި ބަދަލު އަންނާނެ،" ރައީސް ވިދާޅުވިއެވެ. މިފްކޯއިން މާދަމާއިން ފެށިގެން ތެޔޮ ވިއްކާނީ މަސްކިރާ ހުރިހާ ފަރާތްކަކަށް 13.90 ރުފިޔާއަށް އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް 13.72 ރުފިޔާއަށެވެ. އަދި އާންމު ފަރާތްތަކަށް 14.43 ރުފިޔާއަށެވެ. https://sun.mv/215238 ރައީސް ވިދާޅުވި ގޮތުގައި މިއީ އެސްޓީއޯއާއި މިފްކޯ އަދި އެފްއެސްއެމްއާ ގުޅިގެން ގެނައި ބަދަލެކެވެ. އަދި މިއީ މިފްކޯއިން ސީދާ މަސްވެރިންނަށް ތެޔޮ ދޫކުރުމުގައި ދެވޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެކަމަށްޓަކައި މަސައްކަތް ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަމަލީ ގޮތުން މިއަދު އެ މަސައްކަތް ފެށިއިރު މިހާރު ދުވާފަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭން ފުރަތަމަ ފިއުލް ސްކިޑް ވަނީ ހުޅުވައިފައެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ވެސް އެ ސްކިޑްތައް ގާއިމްކުރާނެ ކަމަށާއި އަންނަ އަހަރުގެ މާޗު މަސް ނިމެންވާއިރަށް ކޮންމެ އަތޮޅެއްގައި ފިއުލް ސްކިޑްތައް ގާއިމްކޮށް އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ