ކުރީގެ މިނިސްޓަރު ޞާބިރު ހިމެނޭހެން 32 ފަރާތަކަށް މަސްވެރިކަމަށް ޚިދުމަތްކުރުމުގެ އިނާމު ދީފި

މަސްވެރިކަމުގެ ސިނާއަތަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޙަސަން ޞާބިރު ހިމެނޭހެން 32 ފަރާތަކަށް މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރުމުގެ އިނާމު މިރޭ ދީފިއެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތްކުރުމުގެ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ. މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އަވަހާރަވި ޞާބިރުގެ ފަރާތުން އިނާމާ ހަވާލުވީ ދަރިކަލުން އަޙްމަދު ޙަސަން ޞާބިރެވެ. ކުރީގެ މިނިސްޓަރު ޙަސަން ޞާބިރުގެ ފަރާތުން ދަރިކަލުން އަޙްމަދު ޙަސަން ޞާބިރު އިނާމާ ހަވާލުވަނީ --- ފޮޓޯ/ ރައީސް އޮފީސް ޞާބިރު ވަނީ 1993 އިން 1998 އަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަން ކުރެއްވި ދުވަސްވަރު އދ ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާއާ ގުޅިގެން ފަރުމަހާއި މިޔަރާއި ކުދި މަސްމަހާމެހީގެ މަސްވެރިކަން މެނޭޖުކުރުމާ ބެހޭ މަސައްކަތު ބައްދަލުވުންތައް ބާއްވަވައި، ގައުމީ މަހާސިންތާއެއް އިންތިޒާމު ކުރައްވައިފައެވެ. އޭގެ އިތުރުން، ޞާބިރުގެ ވަޒީރުކަމުގައި މަސްވެރިކަމާ ގުޅޭ ފޮތްތައް ޝާއިއުކުރެއްވިއެވެ. އެ ފޮތްތަކުގެ ތެރޭގައި އާންމުންގެ މެދުގައި އޭރު މަގްބޫލު "ފިޝަސް އޮފް ދަ މޯލްޑިވްސް" ފޮތް ހިމެނެއެވެ. އަދި މަސް ގަންނަ ފެސިލިޓީއެއްގެ ގޮތަށް ގއ. ކޫއްޑޫ ތަރައްގީކޮށް، ކޫއްޑޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް ދެކުނުގައި ސަރުކާރު މަސް ކުންފުނި މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމުގައި ޞާބިރުގެ ދައުރު ބޮޑެވެ. https://sun.mv/208682 މި ރަސްމިއްޔާތުގައި ވަނީ، 2023ވަނަ އަހަރާއި 2024ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދި 31 ފަރާތަކަށް އިނާމު ދީފައެވެ. އޭގެ ތެރޭ ހިމެނެނީ 2024 ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބޭ 13 ފަރާތަކާއި 2023ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބޭ 18 ފަރާތެކެވެ. މަސްވެރިކަމުގެ އިނާމު ދިން ދާއިރާތަކުގެ ތެރޭގައި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅާއި ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުން ގެންދާ ޒުވާން ކެޔޮޅާއި އެންމެ ގިނައިން ކަޅުބިލަ މަސް ކިރި ދޯންޏާއި އެންމެ ގިނައިން ބޮޑު ކަންނެލި ކިރި ދޯނި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ