ހުޅަނގުގެ އާންމުންގެ ތާއީދު އިސްރާއީލަށް ގެއްލުމަކީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް: ބެނެޓް

ޓެލްއަވީވު (26 އޮކްޓޯބަރު 2025): ޣައްޒާގެ ހަނގުރާމައިން އިސްރާއީލަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ހުޅަނގުގެ އާންމުންގެ ތާއީދު އިސްރާއީލަށް ގެއްލިގެން ދިޔުންކަމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ނަފްތާލީ ބެނެޓް ބުނެފިއެވެ. އިސްރާއީލުގެ 'ޗެނެލް 12'އަށް ދިން ބަސްދީގަތުމެއްގައި ބެނެޓް ބުނީ, ހަމާސްއަށް ގެއްލުންދިނުމުގައާއި ޣައްޒާގައިވާ ހަމާސްގެ ކޮންޓްރޯލް ކުޑަކުރުމުގައި އިސްރާއީލަށް ކާމިޔާބީތަކެއް ލިބުނު ނަމަވެސް އިސްރާއީލުގެ ޙަމަލާތަކުގައި ޣައްޒާގެ އާންމުންނަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ އާންމުން އިސްރާއީލާ މެދު މީގެ ކުރިން ދެކެމުންއައި ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމުގައެވެ. މިކަމުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް އޭނާ ދެކެއެވެ. އޭނާ ސިފަކުރި ގޮތުގައި ޣައްޒާގެ ހަނގުރާމައާ އެކު ހުޅަނގުގެ އާންމުންގެ ގިނަ ބައެއްގެ ސަޕޯޓް އިސްރާއީލަށް ގެއްލިގެން ދިޔުމަކީ މުސްތަގުބަލުގައި އިސްރާއީލަށް ފޫބައްދަން ދަތި ގެއްލުމަކަށް ވާނެއެވެ. ބެނެތް ބުނި ގޮތުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ހިމެނޭގޮތަށް ޔޫރަޕްގެ ގިނަ ގައުމުތަކަކުން ފަލަސްތީނަށް ދައުލަތެއް ހައްގުވާކަން ގަބޫލުކޮށް ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވީ އެ ގައުމުތަކުގެ ރައްޔިތުންގެ ގިނަ ބަޔަކު އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނަށް ތާއީދުކުރަން ފެށުމުންނެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި ރައްޔިތުންގެ ވިސްނުން ބަދަލުވުމަކީ އެކަމުގެ ސަބަބުން ވެރިންގެ ސިޔާސަތުތަކަށް ބަދަލުއަންނާނެ ކަމެއް ކަމަށާއި އެކަން ޔޫރަޕުން ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެކަން ބެނެތް ފާހަގަކޮށްފައިވެއެވެ. ބެނެތް ބުނި ގޮތުގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ގާތްގަނޑަކަށް މުޅި ސަޕޯޓް ވަނީ އިސްރާއީލަށް ގެއްލިފައެވެ. ރިޕަބްލިކަން ޕާޓީގެ ތެޜޭގައި ވެސް ވަނީ އިސްރާއީލަށްކުރާ ތާޢީދު ކުރިއަށްވުރެ ކުޑަވެފައެވެ. މިއާއެކުވެސް ބެނެޓް ވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުށްވެރިކުރުމަށް ދެކޮޅު ހަދާފައެވެ. އޭނާ ފާޑުކިޔާފައިވަނީ ހަމާސް ބަލިކުރުމުގައި ނަތަންޔާހޫ ފެއިލްވި މައްސަލައަށެވެ. ބާރުގެ ބޭނުންކޮށްގެން އިސްރާއީލުގެ އަސީރުން ހަމާސްގެ އަތްދަށުން މިނިވަންކުރުމުގައި ވެސް ނަތަންޔާހޫގެ ސަރުކާރު ފެއިލްވި މައްސަލައިގައެވެ. އަދި، މަގުސަދު ހާސިލުނުކުރެވި ހަނގުރާމަ ދިގުދެމިގެން ދިޔަ މައްސަލައިގައެވެ. އިސްރާއީލުގެ މަގުސަދު ހާސިލުނުކުރެވި ޣައްޒާގެ ހަނގުރާމަ ދިގުދެމިގެން ދިޔުމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އިސްރާއީލު ބޭޒާރުވެ އިސްރާއީލަށް ފާޑުކިޔައި ކުށްވެރިކުރާނެ ބޮޑު ފުރުސަތުތަކެއް ފަހިވިކަމާއި އެކަމުގެ ސަބަބުން އިސްރާއީލުގެ ނެރެޓިވް ގެއްލި ފަލަސްތީނުގެ މައްސަލަ ދުނިޔޭގެ ގިނަބަޔަކު އެންމެ ސަމާލުކަންދޭ މައްސަލައަށް ވެގެންދިޔަކަމާއި މިއީ އެތައް އަހަރަކު އިސްރާއީލު ހޯދި ކާމިޔާބީތައް އެކޮޅުކޮޅުން ޖެހުންކަން އޭނާ ފާހަގަކުރިއެވެ. "މިއީ އިސްރާއީލަށް ސިޔާސީ ގޮތުންނާއި މައުނަވީ ގޮތުން ފޫ ނުބެއްދޭވަރުގެ ގެއްލުމެއް،" ބެނެޓް ފާހަގަކުރިއެވެ. ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަންފެށި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ވަގުތީ ގޮތުން ކޮންމެ ވެސް ވަރަކަށް ވަނީ މަޑުޖެހިފައެވެ. ނަމަވެސް، މިކަން އަދިވެސް އެއްކޮށް ހުއްޓުމަކަށް ނާދެއެވެ. ޣައްޒާގެ ހަނގުރާމައާ އެކު އިސްރާއީލުގެ އަސްކަރީ ބާރު އެ ގައުމުން ދައްކަމުން ގެންދިޔައީ ޣައްޒާގެ ހަތިޔާރު ނެތް އާންމުންނަށެވެ. އިސްރާއީލުން ޣައްޒާގެ 70،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް މުޅި ޣައްޒާއެއްކޮށް ބިމާ ހަމަކޮށްލިއެވެ. ހޮސްޕިޓަލްތައް އެއްކޮށް ތަޅާލައި ޑޮކްޓަރުންނާއި ނަރުހުންގެ ހާހަކަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. ނޫސްވެރިންގެ 250 ވަރަކަށް މީހުންނާއި އެހީ ދޭ ޖަމާއަތްތަކުގެ އެތައް ސަތޭކަ ބަޔަކު މަރާލިއެވެ. ނަމަވެސް، މި ހަނގުރާމައިގާ އިސްރާއީލުގެ ބަލިފައި ވެސް ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގެ ތެރެއިން އެތައް ހަމަލާއެއް މައިތިރި ނުކުރެވި އީރާނުގެ އެތައް މިސައިލެއް އިސްރާއީލަށް އަރައި އިސްރާއީލުގެ އެތައް އިމާރާތަކާއި އަސްކަރީ އިގުތިސާދީ އަދި ޓެކްނޮލޮޖީގެ އެތައް މަރުކަޒެއް ފުނޑުފުނޑުކޮށްލި މަންޒަރު ފެނުނެވެ. ޔަމަންގެ ހޫޘީން އިސްރާއީލަށް ފޮނުވާލި އެތައް މިސައިލްއެއް މަތަނުކުރެވި އިސްރާއީލުގެ އެތައް ތަނަކަށް އެރި މަންޒަރު ވެސް ފެނުނެވެ. ރައްދުގައި އިސްރާއީލުން ހޫޘީންނަށް ދިން ގަދަފަދަ ހަމަލާތަކާ އެކު ވެސް ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ނުކުޅެދިފައިވާ މަންޒަރު ފެނުނެވެ. އީރާނާއި ހޫޘީންގެ ހަމަލާތަކާ އެކު އިސްރާއީލުގެ ދިފާއި ޑިޓަރެންސް ގެއްލިގެންދިޔަތަން ވެސް ފެނުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ