ފިރިމީހާގެ ކިބައިގަ ފުދުންތެރިކަން ހުއްޓަސް އާމްދަނީ އިތުރުކުރަން އަނބިން ފަށަން ބޭނުންވާ ކަންތައް ކުޑަވެގެން ދެކޮޅު ނުހަދާށެވެ!

ފިރިމީހާ އަޅުގަނޑުގެ ބޭނުންތައް ފުއްދައިދޭނަމަ އާމްދަނީ ހޯދަން ގޭގައި އިނދެގެން ކުރެވޭނެ މަސައްކަތް ކުރަން އަޅުގަނޑަށް ހުރަސް އަޅަންޖެހޭނެތޯ؟ 
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަދައްކަނީ އަނބިންގެ ރަސްމީ މަސައްކަތުގެ އިތުރުން މަސައްކަތެއް ކުރާ ވާހަކައެވެ. އެެހންކަމަށްވާއިރު ދެވަނަ ވަޒީފާއަދާކުރަންވާނީ ފުރަތަމަ ވަޒީފާއަށް ހުރަސް ނުއެލޭނެ ގޮތަށެވެ. އެއިރުން ތިއަކަމުގައި ަމއްސަލައެއް ނެތެވެ. ނަމަވެސް ފިރިމީހާ ވަކިގޮތަށް ނިންމައި އަމުރުކުރާނަމަ އެއަމުރަށް ކިޔަމަންވާންވާނެއެވެ. 
އަނބިންގެ ފުރަތަމަ ވަޒީފާއަކީ ފިރިމީހާއާއި ދަރިންނާއި ގޭތެރޭގެ ކަންކަން ރަނގަޅު ގޮތުގައި ބެލެހެއްޓުންކަން ދަންނަންވާނެއެވެ. އިތުރު އެއްވެސް ކަމެއް ކުރަންވާނީ އެއިން ކަމަކަށް އުނިކަން ނުއަންނާނެ ގޮތަށެވެ. އިތުރު ތަފްޞީލް ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ
ބައެއް މީހުން ދެކޭ ގޮތުގައި ފިރިމީހާއަށް އަނބިމީހާގެ ބޭނުންތައް ފުއްދައިދެވޭނަމަ އަނބިމީހާއަށް އޮތީ މަސައްކަތެއް ނުކޮށް އިނުމެވެ. މިވިސްނުން ބަދަލުކުރަން އެބަޖެހެއެވެ. އަންހެނުންގެ އަގުވަޒަންނުކޮށް އަޅުންފަދައިން ގެންގުޅުނު ޒަމާނުގައިވެސް ކާމިޔާބުކަމާއިއެކު އަންހެނުންވަނީ މަސައްކަތުގައި ކުރިއަރައިގެން ގޮސްފައެވެ. އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދައި ފިރިހެނުންނާއި އެއްސަފުގައި ފައިތިލަ ޘާބިތުކޮށްފައެވެ. އެކަން އިސްލާމީ ސިޔަރަތުންވެސް އެނގޭނެއެވެ. 
ކުރިން މިބުނި ފަދައިން ފުދުންތެރިކަން ހުންނަ މީހުންގެ އަނބިން، އެމީހުން އަމިއްލައަށް މަސައްކަތެއްކުރަން ވިސްނުމުން ވަރަށް ގިނަ ފަހަރު އެއީ މާކުޑަކުޑަ ވިޔަފާރިއެއް ކަމަށާއި ލިބޭނީ ވަރަށް މަދު ފައިސާކޮޅެއް ކަމަށް ބަލައި އެކަމަށް އޮންނަނީ ދެކޮޅު ހެދިފައެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. 
އަނބިމީހާ ކުރަންފަށަން އުޅެނީ ކިތަންމެ ކުޑަކުޑަ ވިޔަފާރިއެއް ނަމަވެސް އެކަމަށް ދެކޮޅު ނުހަދައި ހިތްވަރުދޭށެވެ. ހަމައެކަނި ވިސްނާލަންޖެހޭނެ ކަމަކީ އެމަސައްކަތް އަނބިމީހާކުރާނަމަ އަނބިމީހާގެ ވާޖިބުތައް އަދާކުރަން އެއްވެސް ހުރަހެއް އެޅިދާނެކަމާއިމެދުގައެވެ. އެއިން ކަމަކަށް ހުރަސް ނުއެޅޭނެ ނަމަ އަވަހަށް ޢިޖާބްދީ ހިތްވަރުދީ، މަގުފަހިކޮށްދޭށެވެ! 
ފިރިމީހާގެ ތަނަވަސްކަން ހުރިނަމަ އިތުރު މަސައްކަތެއް ފަށަން އަނބިމީހާ ވިސްނާނީ އެކަމުން އޭނާއަށް ފައިދާތަކެއް ކުރާނެތީއެވެ. އެގޮތުން ބަލާނީ ހަމައެކަނި މާލީ ގޮތުން ލިބިދާނެ ފައިދާއަށް އެކަންޏެއް ނޫނެވެ. އޭނާ މަސައްކަތް ނުކުރިނަމަވެސް ބޭނުންތައް ފުދޭނަމަ މާލީ ތަނަވަސްކަމަކަށް ނުވިސްނާނެއެވެ. 
މިޘާލަކަށް އެފަދަ އަންތބަކު އަމިއްލައަށް މަސައްކަތެއް ކުރަން ވިސްނާނީ އޭނާއަށް ހުސްވަޤުތުލިބޭތީއެވެ. އެވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އަދި ފިރިމީހާއަށް އުނދަގޫނުކޮށް އަމިއްލައަށް ކޮންމެވެސް ވަރެއްގެ ފުދުންތެރިކަމެއް ހޯދުމަށެވެ. 
ދުނިޔޭގެ މިއަދުގެ ވިޔަފާރިތަކަށް ބަލައިފިނަމަ އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އަންހެނުން އަމިއްލައަށް އިސްވެތިބެ ކުރާ ވިޔަފާރިތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ވީމާ އަނބިމީހާ ފަށަން އުޅޭ ކުޑަކުޑަ ވިޔަފާރި ކުރިއަރައި އެކަމުގެ ސަބަބުން ތިމާއަށް އެހީތެރިވެދޭތަން ލަސްތަކެއް ނުވެ ފެނުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. 
މިޒަމާނަކީ "އަހުރެންނަށް މިލިބޭވަރުން ފުދޭނެއޭ" ބުނެ ފިރިންނަށް ނިންމައިލެވެން އޮތް ޒަމާނެއް ނޫނެވެ. ދިރިއުޅެން ބޭނުންވާ ފައިށާގެ ޢަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށްވާތީއެވެ. 
ކާމިޔާބު ފިރިއަކަށް ވެވޭނީ އަނބިމީހާއަކީވެސް ތިމާފަދަ ކާމިޔާބު އަންހެނަކަށް ހެދުމުގެ ވިސްނުން ގެންގުޅެގެންކަން މިއަދު މިވަނީ ޤަބޫލުކުރަންޖެހިފައެވެ! ކުރިއަރައިދެވެން މިއަދު އޮތީ ދެމަފިރިންވެސް އެކަމަށް ވިސްނައި މަސައްކަތްކޮށްގެންނެވެ.
 
- އަލަފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ