މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިކަން އެ މަނިކުފާނު ހާމަކުރެއްވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކައިގަ އެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ:
މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން އެ ހިދުމަތް ގާއިމްކުރީ ރ. ރަސްގެތީމުގައި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި
މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، އަހަރު ނިމުމުގެ ގާތްގަނޑަކަށް ދެ މަސް ކުރިން މި މަސައްކަތް ނިންމާލެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި
"މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ވަނީ ގާއިމްކޮށް ނިމިފައި. 5:15 ގައި ރ. އަތޮޅުގެ ރަސްގެތީމުގައި އަޅުގަނޑުމެން ފުލުހުންގެ ހިދުމަތް ގާއިމް މި ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތަފްސީލް - ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވީއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތްކަމަށެވެ. އަދި ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ހިދުމަތް ދެމުން އައީ އެންމެ 17 ރަށުގައިކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ:
މިހާރު 63 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި
އިތުރު 36 ރަށެއްގައި މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި
މި މަހުގެ ތެރޭގައި 39 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރާނެ
"މާނައަކީ، މި އަހަރު ނިމޭއިރު ޖުމުލަ 138 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމުގެ މަޝްރޫއުތައް ހިނގަމުންދާނެ. ސަރުކާރުގެ އަމާޒަކީ، މި ދައުރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް ގާއިމްކޮށް ނިންމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ގަބޫލުކުރަނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ