ސީއެސްސީގެ ރައީސް ކަމަށާއި ޖޭއެސްސީގެ މެންބަރު ކަމަށް މުޖުތާޒު އައްޔަންކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު މުޖުތާޒް އެ ކޮމިޝަންގެ ރައީސް ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ސީއެސްސީގެ ރައީސް ކަމަށް މުޖުތާޒާއި، ކޮމިޝަންގެ ނައިބު ރައީސަކަށް ސީއެސްސީގެ ކުރީގެ ރައީސް މުޙައްމަދު ނާސިހު އައްޔަންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް މުޖުތާޒު ވަނީ، ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަމަށް ވެސް އައްޔަންކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުޖްތާޒް ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައި ކަމަށެވެ. ރައީސް އޮފީހުން ބުނީ މުޖްތާޒަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މުޙައްމަދު ސަލީމު ކަމަށެވެ. މީގެ އިތުރުން މިއަދު ރައީސް ވަނީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް މުޙައްމަދު ޝަފީގް މަޙުމޫދު އައްޔަނުކުރައްވައިފައެވެ. (ކ-ވ)ސީއެސްސީގެ ނައިބުކަމަށް ނާސިހު، ސީއެސްސީ ރައީސްކަމަށް މުޖުތާޒު، އެޗްއާރްސީއެމްގެ ނައިބުކަމަށް ޝަފީގް -- އެބޭފުޅުން އައްޔަނުކުރަން ފެންނަ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދީފައެވެ. މުޖުތާޒު ސީއެސްސީއަށް އައްޔަނުކުރުމަށް ރުހުންދިނީ ވޯޓުގައި ބައިވެރިވި 68 މެންބަރުން ކަމަށްވާއިރު، ނާސިހަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ، 64 މެންބަރުންނެވެ. އަދި، ޝަފީގު އައްޔަނުކުރުމަށް ރުހުންދިނީ، 67 މެންބަރުންނެވެ. ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުޖުތާޒު، ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހެވެ. އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރެއްވީ ހަމަ އެ މަހުގެ 30ވަނަ ދުވަހެވެ. ހަމަ އެއާއެކު ސީއެސްސީގެ ރައީސްކަން ކުރެއްވި ނާސިހު އެ ކޮމިޝަނަށް އަލުން އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ ފަހުކޮޅެވެ. މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެޗްއާރުސީއެމަށް އައްޔަންކުރެއްވި ޝަފީގު ވަނީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަން ކުރައްވައިފައެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ