ރިޔާސީ ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވާނެ ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ އަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި، ގިނަ ދުވަސްތަކަށް ފަހު ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ވެރިކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް، އެ މީހުންގެ އިހުސާސްތައް ދަނެގަނެގެން ކަމަށެވެ.
ގައުމުގެ އިސްތިގުލާލު ދަމަހައްޓައި، މިނިވަންކަމުގެ ރޮނގު ރަތްކުލައިމް ފަލަކޮށް ދަމާލާފައިވާ ކަމަށާއި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ހޮވަންވީ އެހެންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުންނެވެ. އެކަަން ކުރައްވާނީ ރައްޔިތުންގެ ލޯތްބާއި ތާއީދާ އެކު ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
"ޝައްކު ނުކުރައްވާތި، މާޔޫސްވެ ވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ ﷲ ސުބުހާނޫ ވަތައާލާގެ ހެޔޮ ރަހުމަތްފުޅުން 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"...އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގައި ދެ ވަނަ ދައުރަށް މި ނިޒާމުގެ ދަށުން ވެރިކަން ކުރައްވާ ބޭފުޅަކަށް ވާނީ ﷲ ތައާލާގެ ހެޔޮ ރަހުމަތްފުޅާއެކު މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު."
އެ މަނިކުފާނު ވިދާޅުވީ މިއީ މާޔޫސްވާންވީ ދަނޑިވަޅެއް ނޫން ކަމަށާއި ހިތްވަރާއެކު ނުކުންނަންވީ ވަގުތު ކަމަށެވެ. މި ވަގުތު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޕީއެންއެފަށް ސަޕޯޓުކުރާ ބަޔަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޕީއެންސީ ޖަގަހަ ކައިރީގައި ކުރާ މުޒާހަރާތަކަށް އިޝާރަތްކުރައްވައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ވަގުތު މަގުމައްޗާއި ކަންކަންމަތިން ދައްކާ ވާހަކަތައް އަޑުއެހުމުގެ ބޭނުމެއް ނެތެވެ.
އޭގެ ބަދަލުގައި އަޒުމުގައި ނުކުމެ، 2028 ވަނަ އަހަރުގެ އިންތިހާބު ރައީސާއެކު ކާމިޔާބުކޮށްދޭން މަސައްކަތަށް ނުކުންނަން ވަގުތަކީ މިއީ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަން ވެސް ތަޖުރިބާކޮށްފައިވާ ކަމަށާއި އެމްޑީޕީ ފިކުރުގެ ދެ ވެރިކަން ވެސް ފެނިވަޑައިގެންފައިވާ ކަމަށެވެ. ކުރީގެ އިންތިހާބުގައި ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުންނަކީ ވޯޓުން ބަލިވުމުން ކޯޓުން ނަތީޖާ ނެރޭނެ ބައެއް ނޫން ކަމަށެވެ.
އެއީ ރައްޔިތުންގެ ނިންމުން ބަލައިގަނެ އެއަށް އިހުތިރާމްކޮށް ރައްޔިތުންގެ ވިންދާއި ރޫހާ އެއްގޮތަށް ރާވަން އެނގޭ، ރާވަން ކެރޭ ފިކުރެއްގެ ތެރެއިން އައިސްފައިވާ ބައެއް ކަމަށެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ ބަލައިގަނެ، ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތައް ގެނެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވީ އެހެންވެގެން ކަމަށް ވިދޅާުވި އވެެ.
ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ. އަންހެނުންގެ ތަރަައްގީއަށް މަސައްކަތްކުރާ ކޮމެޓީން ޕީއެންސީއަށް ވަނީ ކާމިޔާބުވެފަ އެވެ.
"އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ މަނިކުފާނާއެކު ސާބިތުވެ ތިބެންވީ. އަޅުގަނޑުމެން ކުރަންވީ ކަމަކީ 2028 ޕީއެންސީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ރުކުރުވާލަންވީ މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ފިކުރުގެ އެންމެން ކަމަރު ބަންނަންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ދެން އިތުރަށް މި ގައުމު ހަލަބޮލިކުރަން ޖާގަ ނުދޭންވީ. އަޅުގަނޑުމެންނަށް އެބަ އިނގޭ ދެން ވެރިކަމަށް އަންނަން އުޅޭ މީހުން ވެރިކަމަށް އައީމަ ދެން ގައުމަށް ވެގެންދާނެ ގޮތް."
އެ މަނިކުފާނު ވިދާޅުވީ ގައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ އެތައް ފާޑުކިޔުމެއް އަމާޒުވި ކަމަށާއި ނަމަވެސް ލޯނުގެ ގޮތުގައި މިދިޔަ މަހު އެއް ބިލިއަނެއްހާ ޑޮލަރު ދައްކައި ސަރުކާރުގެ މުވައްޒަފުންނަށް ވެސް ބަރާބަރަށް މުސާރަ ދީ އަދި ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
"އެހެންވީމަ 2028 ރައީސް މުއިއްޒަށް ހޯދައިދޭންވީ،"
އެއްގޮތަކުން ނުވިއްޔާ އެހެން ގޮތަކުން ރައީސްގެ އަބުރުފުޅު ކަތިލާން މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެކަން ކުރި މީޑިއާގެ މައްސަލަ ބަލަން ފެށުމުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ ނުކުތް ޕާޓީގެ ވެރިކަމުގައި ނޫސްވެރިންނާ ދޭތެރޭ ކަންކުރި ގޮތް ދެކިވަޑައިގެންނެވި ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ޕީއެންއެފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެ މީހުން އުޅެނީ އަމިއްލަ އެދުމައިގެން ކަމަށެވެ.
ސިޔާސީ ވާދަވެރިކަމުގައި ވެސް ޒާތީ ހަސަދަވެރިކަމަށް ނުބެހޭނެ ކަމަށާއި ސިޔާސީ މީހުން ކިޔަން ޖެހޭނީ ބިނާކުރަނިވި ފާޑުކިޔުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ބިނާކުރަނިވި ފާޑުކިޔުމަށް މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ޒާތީ ޖަދަލުކުރާނަމަ ޕީއެންސީން ވެސް ކުރާނީ އެ މަސައްކަތް ކަމަށާއި އޭރުން އެ ޕާޓީ ބަލި ކުރެވޭނެ އެެހެން ބަޔަކު މި ސިޔާސީ މައިދާނުގައި ނުތިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ ފަޅީގައި ހުރެގެން ނޫނީ ރައްޔިތުންނަށް ހިދުމަތް ނުކުރެވޭނެ ކަމަށާއި ޕީއެންސީން ތިބީ ރައީސާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވާނެ ފުރަތަމަ ބޭފުޅާ: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ