މޫސުން ގޯސްކަމުން ބައެއް ފްލައިޓުތައް ކެންސަލްވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރަ އާ ގުޅިގެން، ވެލާނާ އެއާޕޯޓުގައި ފެން ބޮޑުވެ، އޮޕަރޭޝަންސްތަކަށް ބުރޫ އެރުމުގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވެއްޖެ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ޝަމްއާން ޝާކިރު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަންސްތަކަށް ބުރޫ އަރައި، ބައެއް ފްލައިޓުތައް ޑިލޭވެ، އެނެއް ބައި ފްލައިޓުތައް ކެންސަލްވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ވެސް ހިމެނެ އެވެ.
ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ބޯ ވާރެއާ ގުޅިގެން އެއާޕޯޓުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
އެހެންކަމުން، ފުރަންދާ މީހުން ދުރާލައި ޝެޑިއުލް ބަލައި، ވަގުތު އޮއްވައި ޗެކްއިން ކުރުމަށް އެމްއޭސީލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން ގިނަ ރަށްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފަ އެވެ.
ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ވަނީ އޮރެންޖު އެލާޓެއް ނެރެފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު މެންދުރު ބުނީ، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ ކ. ގުރައިދު އަށް ކަމަށެވެ. އެ ރަށުގައި ފެންބޮޑުވެ 20 ގެ އަކަށް ފެންވަދެފައި ވާއިރު ހަތް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ