ހަންޓާވައިރަހާ ބެހޭގޮތުން އެނގެން ޖެހޭ ކަންކަން

މި ދުވަސްވަރު މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ ހަންޓާވައިރަހާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުން ދިޔަ ޑަޗް ދިދައިގެ ދަށުގައި ދުއްވާ އެމްވީ ހޮންޑިއަސް ކުރޫޒް ބޯޓެއްގައި ހަންޓާވައިރަސް ފެތުރި، ތިން މީހަކު މަރުވެ، އަށް މީހަކު ބަލިވެފައިވާ އިރު، މި ވައިރަހާ ބެހޭގޮތުން އެނގުން މުހިންމު ކަންތައްތައް މި ލިޔުމުގައި ހިމަނައިލާނަމެވެ.
ހަންޓާވައިރަހަކީ ސީރިއަސް ބައްޔެއް ޖައްސާ، ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ހަންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް (އެޗްޕީއެސް) އަދި ހީމޮރޭޖިކް ފީވާ ވިތް ރީނަލް ސިންޑްރޯމް (އެޗްއެފްއާރްއެސް) ޖެހެއެވެ. މައިގަނޑު ގޮތެއްގައި ވައިރަސް ފެތުރެނީ މީދާ ފަދަ ޖަނަވާރުންގެ ޒަރީއާއިންނެވެ. މި ވައިރަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ކޮރެއާ ހަނގުރާމައިގެ ތެރޭގައެވެ. އުތުރު ކޮރެއާއާ ދެކުނު ކޮރެއާ ވަކިކުރާ ސަރަހައްދާ ކައިރީގައި އޮންނަ ހަންޓަން ކޯރުގެ ނަމާ ގުޅުވައިގެން ނަން ދެވުނެވެ.
ހަންޓާވައިރަސް އިންސާނުންނަށް ޖެހެނީ ވައިރަސް ހުންނަ މީދާ ފަދަ ޖަނަވާރުގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެއްޗާއި، ކުޅާ ކޮންޓެކްޓް ވެގެންނެވެ. އެ ތަކެތީގެ ކުނޑި ނޭވާލާ ނިޒާމުގެ ތެރެއަށް ވަނުމުން ބަލި ޖެހެއެވެ. ބައެއް ފަހަރު މީދާ ދައިގެންވެސް ބަލި ޖެހެއެވެ. އެންޑީޒް ވައިރަހަކީ އެއް އިންސާނެއް ގައިން އަނެއް އިންސާނެއް ގަޔަށް ފެތުރޭ ކަމަށް ޔަގީންވެފައިވާ ހަމައެކަނި ހަންޓާވައިރަހެވެ. އެކަމަކު އެ ފެތުރެނީ ބަލި ޖެހިފައިވާ މީހާއާ ވަރަށް ގާތުން މުއާމަލާތް ކުރާ މީހުންނަށެވެ.
އާންމު ގޮތެއްގައި ވައިރަހަށް ހުށަހެޅޭތާ އެއް ހަފުތާއާ އަށް ހަފުތާއާ ދެމެދުގެ މުއްދަތެއްގައި އަލާމާތްތައް ފެންނަން ފަށައެވެ. ހުން އައުމާއި، ބޮލުގައި ރިހުމާއި، ގައިގައި ރިހުމާއި، ބަނޑުގައި ރިހުމާއި، މޭ ނުބައި ކުރުމާއި ހޮޑުލެވުން ފެނެއެވެ. އޭގެ ހަތަރެއް ނޫނީ ދިހަ ދުވަސް ފަހުން ކެއްސުމާއި ނޭވާ ކުރުވުން ފެނެއެވެ. ފުއްޕާމޭ ފެނުން ފުރެއެވެ. ފެށުމުގެ އަލާމާތްތައް އިންފްލުއެންޒާއާ ވަރަށް ވައްތަރެވެ.
ހަންޓާވައިރަހަށް ވެކްސިނެއް ނުވަތަ ހާއްސަ ފަރުވާއެއް އަދި ނެތެވެ. ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދައި، ސަޕޯޓިވް ކެއާ ދިނުމަކީ ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. ނޭވާލުމުގެ ނިޒާމަށް އަސަރު ކުރާ ހިސާބަށް ދާ މީހުންގެ ތެރެއިން 38 އިންސައްތަ މީހުން ބަލީގައި މަރުވެދާނެއެވެ.
ހަންޓާވައިރަހުން ރައްކާތެރިވުން ބިނާވެފައި ވަނީ އިންސާނުންނާއި މީދާ ފަދަ ޖަނަވާރާ ދެމެދު އޮންނަ ގުޅުން ކުޑަ ކުރުމުގެ މައްޗަށެވެ. ގެއާއި މަސައްކަތު މާހައުލުގައި މީދާ އާލާވިޔަ ނުދީ ކޮންޓްރޯލް ކުރުމަކީ އެންމެ މުހިންމު ފިޔަވަޅެވެ. ކާބޯތަކެތި ރައްކާތެރި ގޮތުގައި ބެހެއްޓުމާއި، މީދާއާ ކޮންޓެކްޓް ނުވުމާއި، ހިރަފުސް ފޮޅައި ސާފު ކުރުމުގެ ބަދަލުގައި ދޮވެގެން ސާފުކުރުމާއި، ރަނގަޅަށް ވައި ދައުރުވާ ގޮތް ހެދުން ފަދަ ކަންކަމަކީ ރައްކާތެރިކަމުގެ ގޮތުން ކުރެވޭ މުހިންމު ކަންކަމެވެ.
ކުރު ޖަވާބަކީ ނޫނެކެވެ. ޑަބްލިއުއެޗްއޯގެ އެޕިޑެމިކް އެންޑް ޕެންޑެމިކް މެނޭޖްމަންޓް ޑައިރެކްޓަރު މާރިޔާ ވެން ކެރްކޯވް ވިދާޅުވީ ”މިއީ ކޮވިޑް ވަބާއެއް ފެށެނީކީ ނޫން“ ކަމަށެވެ. ”މިއީ ކޮވިޑެއް ނޫން، މިއީ އިންފުލެންޒާއެއް ނޫން. ފެތުރޭ ގޮތް ވަރަށް ތަފާތު“ ކަމަށް އޭނާ ވިދާޅުވިއެވެ. ހަންޓާވައިރަސް، ކޮވިޑް ނުވަތަ ރޯގާ ފެތުރޭހާ ފަސޭހައިން ނުފެތުރެއެވެ.
ދިވެހިންނަށް ވެސް މިފަދަ ބަލިތައް ދެނެގަތުން މުހިންމެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރާ ދިވެހިން، ރޫރަލް ހިސާބުތަކަށް ޒިޔާރަތް ކުރާއިރު މީދާ ފަދަ ޖަނަވާރު ގިނަ ތަންތަނުން ދުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ