ރައީސް ނަޝީދާއި ރައީސް ޞާލިޙް ވެސް އިންޑިއާގައި

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ. ރައީސް ނަޝީދު ބުރާސްފަތި ދުވަހު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރައީސް ޞާލިޙު ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ. ދެބޭފުޅުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްފައި ވަޑައިގެންނެވި ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަޝީދާއި ޞާލިޙަކީ، ދެބޭފުޅުންގެ ވެރިކަމުގައި ވެސް އަވައްޓެރި އިންޑިއާއާ ގާތް ގުޅުމެއް ބާއްވާފައިވާ ދެބޭފުޅުންނެވެ. އެ ދެބޭފުޅުން އިންޑިއާއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ އެތެރޭގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ނަޝީދު ވާދަކުރައްވާއިރު، ޞާލިޙު ތާއީދުކުރައްވަނީ ނަޝީދާ އިދިކޮޅު ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މީގެ ކުރިން ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވީ، ނަޝީދާއި ޞާލިޙަށް ތާއީދުކުރައްވާ ދެ ފެކްޝަނެއް އުފެދިގެންނެވެ. އެފަހަރު ވެސް އެމްޑީޕީން ވަނީ 2023ގެ ރިޔާސީ އިންތިޚާބުން ބަލިވެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިފަހަރު ވެސް ޗެއާޕާސަންގެ އިންތިޚާބާ ދިމާކޮށް އެމްޑީޕީ އޮތީ ބޮޑު ޚިޔާލުތަފާތުވުން ތަކެއްގެ ތެރޭގައެވެ. ކަން އެހެން އޮއްވައި ދެ ރައީސުން އިންޑިއާއަށް ވަޑައިގެންފައި މިވަނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންފައި ވަނިކޮށެވެ. މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާޖުމްހޫރިއްޔަތަކަށް ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި 'އިންޑިއާ އައުޓް'ގެ ނަމުގައި ހިންގި ބޮޑު ހަރަކާތަކަށް ފަހުގައެވެ. އޭގެ ސަބަބުން، މި ސަރުކާރުގައި އިންޑިއާއާ ގުޅުން ގޯސްވެދާނެ ކަމަށް ބޭރުގެ މީޑިއާތަކުން ފުރަތަމަ ވެސް ލަފާކުރިއެވެ. އަދި، މި ސަރުކާރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސްކުރުމުން، ދެ ގައުމުގެ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން، ރައީސް އިންޑިއާއަށް ދެ ދަތުރުފުޅެއް ކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މޯދީ ރާއްޖެ ވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ