މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމައްޗެއް ނުލަން: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. 
ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. 
އެހެންވެ، އެ މަގާމަށް ދެން އިންތިހާބު ކުރާނެ ބޭފުޅަކާ މެދު ބަހުސް ވަނީ ކުރެވެން ފަށައިފަ އެވެ. އަޑު ފެތުރިފައިވާ ގޮތުން އެ ރޭހުގެ ކުރީގައި އުޅެނީ ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. 
ނަމަވެސް، ފަލާހު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މަގާމަށް ކުރިމަތިލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ ވަނީ އެކަން ހާމަކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ. ފަލާހު މިހާރު އަދާކުރައްވާ ޕީޖީ ލީޑަރުގެ މަގާމަކީ އެ ޕާޓީގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އެއް މަގާމެވެ. 
ޝުޖާއު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރުމާ މެދު އޭނާ އަދި ގޮތެއް ނުނިންމަ އެވެ. ޕީއެންސީގައި މިވަގުތު ހުންނެވި އެންމެ ސީނިއާ އެއް މެންބަރު ކަމަށްވާ ތޯރިގު ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. 
The most trusted news source in the Maldives
މަޖިލީހަށް އާ ނައިބު ރައީސަކު ހޮވުމަށް މިއަދު މެންދުރު 1:00 އަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރި އެވެ. ނަމަވެސް، މަގާމަށް ގެންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ އެތެރޭގައި ގޮތެއް ނުނިމޭތީ ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފަ އެވެ. 
އެނގިފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިހާތަނަށް ޕާޓީއަށް އިރުޝާދެއް ދެއްވާފައެއް ނުވެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް ދުރުކުރަން ޕީއެންސީގެ މެންބަރުން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ތުހުމަތުކޮށްްފައިވެ އެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ނާޒިމް މިއަދު ނެރެނު ބަޔާނުގައި ބުނީ އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އަދި އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާނެ ކަމަށެވެ. 
The most trusted news source in the Maldives
ޕީއެންސީގެ މެންބަރުން އޭނާއާ ދެކޮޅަށް ހުށަހެޅި ގަރާރުގައިވަނީ ތެދު ހަގީގަތް ކަމަށް ނުވި ނަމަވެސް، އިންތިހާބީ މަގާމުތަކަށް ވޯޓުލި އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ