ގޮންޖެހުންތަކާއެކުވެސް އެންމެ ފުރަތަމަ، ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުން ދޭހަވަނީ އެ ޕާޓީގެ ލީޑަޝިޕާއި ސަޕޯޓަރުންގެ ހިތްވަރު ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އިލެކްޝަން ކޮމިޝަނަށް މިއަދު ކެނޑިޑެސީ ފޯމު ހުށަހެޅުމުން އެކަމަށް ޔާމީނަށް މަރުހަބާ ދަންނަވާފައެވެ. އަދި މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެންމެ ފުރަތަމަ ފޯމު ޔާމީން ހުށަހެޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވިއިރު، ރަޝްވަތާއި މަނީލޯންޑަރިންގެ މައްސަލައެއްގައި އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޛުކުރައްވަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށްދޫކުރުމުގައި ހިންގާފައިވާ ހިޔާނާތާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބާއްވާފައިވާއިރު، އީދު ބަންދުގެ ފަހުން ބޭއްވިފައިވަނީ އެންމެ އަޑުއެހުމެކެވެ. އެފަހުން، ހައިކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފައެވެ.
ގާނޫނުއަސާސީ ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ނަމަ އެހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ވިދާޅުވީ، ހުކުމް ބާތިލުނުކުރާހާ ހިނދަގު ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށާއި، ހުށަހެޅިޔަސް ކެންޑިޑެސީ ބަލައި ނުގަންނާނެ ކަމަށެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި، ޝަރީއަތްތައް މިހާރު ކުރިއަށް ގެންދަނީ ސަރުކާރުން ބޭނުންވާގޮތަށް، އިންތިޚާބަށް ނުފޫޒުފޯރުވޭނެ ގޮތަކަށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރެއްގެ ވޯޓުލާން ޖެހިއްޖެނަމަ، ދެވަނަ ބުރެއް ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ. ރިޔާސީ އިންތިޚާބު 2023 ގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް، އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަމަހުގެ ތޭވީހުން ފެށިގެން މިހިނގާ އޯގަސްޓްމަހުގެ ހަތެއްގެ ނިޔަލަށެވެ.
އެންމެ ފުރަތަމަ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުން ދޭހަވަނީ ހިތްވަރު: މެމްބަރު އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ