ކެނެޑާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ އިންޑިއާ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން އަންގައިފި

ކެނެޑާއަށް ދަތުރުކުރާ ނުވަތަ އެ ގައުމުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވުމަށް އިންޑިއާ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
އިންޑިއާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެ ގައުމުން އެޑްވައިޒަރީއެއް ނެރެފައި މިވަނީ، ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދި، ކޮންމެ ގައުމަކުން އެ ގައުމެއްގައި ތިބި ޑިޕްލޮމެޓުން ގައުމުން ބޭރުކޮށްފައި ވަނިކޮށެވެ.
އިންޑިއާ އާއި ކެނެޑާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ މި އަހަރުގެ ޖޫން މަހު ކެނެޑާގެ ވެންކޫވާ ކައިރިން ސީކް (ސިކުން)ގެ އިސް ލީޑަރެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމުގައި އިންޑިއާ ސަރުކާރުގެ އޭޖެންޓުންތަކެއް ބައިވެރިވާކަމުގެ “ކާފީ ތުހުމަތު” ސަރުކާރަށް ލިބިފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވުމާ ގުޅިގެންނެވެ.
އަމިއްލައަށް އަރުވާލެވިގެން ކެނެޑާއަށް ގޮސް، އެ ގައުމުގެ ރަށްވެއްސަކަށްވެ އެ ގައުމުގައި ދިރިއުޅެމުންދިޔަ ހަރްދީޕް ސިންގް ނިއްޖާރަކީ އިންޑިއާގެ ކިބައިން ވަކިވެގަތުމަށް މަސައްކަތްކުރާ ސީކް ހަރަކާތުގެ އިސް މެމްބަރެކެވެ.
ތަހްގީގަށް ލިބުނު ކުރިއެރުންތަކާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ޕާލަމެންޓުގެ އިމަޖެންސީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ، ކެނެޑާގެ ފަސްގަނޑުގައި ކެނެޑާގެ ރައްޔިތަކު މަރާލުމުގައި ބޭރު ގައުމެއްގެ އެއްވެސް ބައިވެރިވުމެއް އޮތުމަކީ ކެނެޑާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ހަރްދީޕް ސިންގްގެ މަރާލުމާ ގުޅިފައިވާ “އިތުބާރު ކުރެވޭ ތުހުމަތުތައް” ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިންޑިއާއިން ވަނީ ހަރްދީޕް ސިންގް މަރާލުމާއި އިންޑިޔާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ދޮގުކޮށް އެ ތުހުމަތުތައް ހަގީގަތާ ހިލާފު ކަމަށް ބުނެފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މަސްތަކެއް ވަންދެން ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން މިހާރު އޮތީ އެންމެ ގޯސް ހިސާބަށް ގޮސްފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ