އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފިއެވެ. ފޭސްބުކްގައި އެކަން ހާމަކުރައްވާ އުމަރު ހިއްސާ ކުރެއްވި ޕޯސްޓެއްގައި، އުމަރަށް އިންޒާރު ދިން މީހާ ވަނީ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ކިތައް ކިލޯގެ މަސްތުވާތަކެތި ބެހިންތޯ ސުވާލުކޮށްފައެވެ. އަދި، ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަނީ ވެސް މަސްތުވާތަކެތިން ކަމަށް ބުނެފައެވެ. އެ މީހާ ވަނީ އުމަރު ގަޔަށް ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ. އެކަމާ ގުޅިގެން އުމަރު ވިދާޅުވީ، ތަފާތު މަރުގެ އިންޒާރު ލިބެމުންދާތީ އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ވެސް މާލޭގައި އޭނާގެ ކެމްޕެއިން ރޯޑް ރެލީގައި އޭނާއާ ދިމާލަށް ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނުމަތީގައި ޖަހާފައިވެއެވެ. އެ ފަހަރު ވެސް އުމަރު ވިދާޅުވީ، އޭނާއާ ދިމާލަށް ދަގަނޑު އެއްޗެއް އެއްލި މީހާއަކީ މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި، އެ ވަގުތު އޭނާ އެ ތަނުން ފިލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާއަށް އެއްވެސް އަނިޔާއެއް އެ ހާދިސާގައި ލިބިފައިނުވެއެވެ. އުމަރަކީ، އޭނާ ވެރިކަމަށް އަތުވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ޑުރަގުން މި މުޖުތަމައު ސަލާމަތް ކުރުން ކަމަށް ބުނެ އެންމެ ވަރުގަދައަށް ވަކާލާތުކުރާ އެއް ކެންޑިޑޭޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ