ޓްރެއިނިން ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ފެށޭނެ: ވަޒީރު ޑރ. މާރިޔާ

ޓްރެއިނިން ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ފެށޭނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަތީ ތަޢުލީމާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ޓްރެއިނިން ރިސޯޓެއް ހެދުމުގެ މަޤުޞަދުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ދަރިވަރުން ރާއްޖެއަށް ކިޔަވަން ގެނައުން ހިމެނޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޓްރެއިނިން ރިސޯޓުގެ ޕްރޮޕޯސަލް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ޕްރޮޕޯސަލް މުރާޖަޢާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޕްރޮޕޯސަލް ނިމި، މަސައްކަތަށް އިންވެސްޓަރުން ހޯދައި ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެއިނިން ރިސޯޓުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޓްރެއިނިން ރިސޯޓު ހަދާނީ ލ އަތޮޅުގެ ރަށެއްގައި. އިރާދަކުރެއްވިއްޔާ ޕްރޮޕޯސަލް މަސައްކަތް ނިމި، 2 އަހަރެއްގެ ތެރޭގައި އިންވެސްޓަރުން ހޯދާ މަސައްކަތް ކުރިއަށްދާނެ." ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެ ދާއިރާގެ މަތީ މަޤާމުތަކުގައި ކިޔަވައިގެން ތިބި މޮޅެތި ދިވެހިން ނެތުން ހިމެނެއެވެ. ޤާނޫނުގެ ތެރެއިންނާއި ސްކޮލަޝިޕްތަކާއި ފުރުޞަތުތައް ހޯދައިދީގެން ރިސޯޓްތަކުގެ އިސްމަޤާމުތަކަށް ދިވެހިން ގެނައުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. އެހެންކަމުން، މި އަމާޒަށް ވާޞިލްވުމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން މިވަނީ ޓްރެއިނިން ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 58،089 މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން %40 އަކީ ދިވެހިންނެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހިންގެ ޖުމްލަ އަދަދަކީ 22،337 އެވެ. އަދި 35،000 އަށްވުރެ ގިނަ ބިދޭސީން މިސިނާއަތުގައި ހަރަކާތްތެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ