ސަރުކާރުން އުޅެނީ ބޭސްސިޓީއަށް ސަލާން ޖައްސަން

ދިވެހީންގެ ތެރެއިން ބަޔަކު އާސަންދައިން ބާކީކޮށް ބޭސްސިޓީއަށް ސަލާންޖައްސަން ސަރުކާރުން އުޅޭކަމަށް އެމްޑީޕީގެ ރައީސް ތުހުމަތު ކުރައްވައިފިއެވެ. މުއިއްޒު ސަރުކާރުން އުޅެނީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އާސަންދައިގެ ހިދުމަތުން މަހުރޫމު ކުރުމުގެ މަގުސަދުގައި ކަމަށް ކުރީގެ ހާރިޖީ ވަޒިރު ތުހުމަތު ކުރައްވައެވެ.
ސިއްހީ ނިޒާމު ސިޔާސީ ކުރުން ހުއްޓައިލުމަށް އަބްދުއްލާ ޝާހިދު ސަރުކާރަށް ގޮވާލެއްވުމަށް އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނެސް އައިޑީ ކާޑު ދައްކައިލުމުން ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމަކީ އެމްޑީޕީން މި ގައުމަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ..
އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީން އެކުލަވައިލީ ސިއްހީ ހިދުމަތަކީ ހުރިހާ ރައްޔިތުން ވެސް ޝާމިލު ކުރަންޖެހޭ އަސާސީ ހައްގަކަށް ވާތީ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިއަދު ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް މި ހަރުދަނާ ނިޒާމަށް މި ސަރުކާރުން ގެންނަމުން މިދާ ބަދަލުގެ ހަގީގީ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވުމުން މި އަސާސީ ހައްގުން މަހުރޫމު ކުރުން ކަމަށެވެ.  އަދި ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަކޮށް ސިއްހީ ނިޒާމު ސިޔާސީ ކޮށްލުމަކީ ސަރުކާރުގެ އަމާޒުކަމަށް ޝާހިދު ވިދާޅުވިއެވެ.
ސިއްހީ ނިޒާމު ސިޔާސީ ނުކުރުމަށާއި ދިވެހި އެއްވެސް ރައްޔިތަކު ބޭސްފަރުވާގެ އަސާސީ ހައްގުން މަހުރޫމު ނުކުރުމަށް ޝާހިދު ގޮވައިލައްވައެވެ.
އެމްޑީޕީގެ ރައީސް ޝާހިދު މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އާސަންދަ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން އެ ނިޒާމުގެ ތެރެއިން ހޯދަމުން އައި ބައެއް ފަރުވާ ލިބުން ހުއްޓުމާއި ހިދުމަތް ހޯދަން އުނދަގޫވުމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ