އެމްޑީޕީ މިހާރު ނެތް ކަމަށް ވިދާޅުވެ އެ ޕާޓީގައި މިހާރު އިސްކޮށް ތިބީ ދަލުބޭރުން ޖެހިގެން އުޅޭ ބައެއް ކަމަށް އެ ޕާޓީގައި އިސްކޮށް އުޅުއްވި ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު އޮތްކަން ހާމަ ކުރައްވާ މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.
އާދަމް މަނިކު ވަނީ އެމްޑީޕީގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޚާއްސަކޮށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އާދަމް މަނިކު ވިދާޅުވީ މިހާރު އޮތީ ހަގީގީ އެމްޑީޕީ ނޫން ކަމަށެވެ. އަދި އެމްޑީޕީ މިހާރު ވެފައިވަނީ އެ ޕާޓީ އެ ޕާޓީއަށް ހެދި މެންބަރުންގެ މަތީން ހަނދާން ނައްތާލާފައިވާ ޕާޓީއަކަށް ކަމަށެވެ.
"އެ ޕާޓީގެ [އެމްޑީޕީގެ] އިސް ސަފުން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ 'ދަލުބޭރުން ޖެހިގެން އުޅޭ' ބައެއް. ކޮބައިތޯ ޑީއާރްޕީއަށް ނިސްބަތް ނުވާ މީހަކު ދައްކަވަބައްލަވާ އިސް ސަފުން. އެހެންވީމަ އެއީ އެމްޑީޕީއެއް ނޫނޭ. މިހާރު އަޅުގަނޑުމެންގެ ބަހެއް ނުވިކޭނެއޭ. އަޅުގަނޑުމެން އެމްޑީޕީ އެއްޗަކަށް ހެދީމަ އެ ހަނދާނެއް ނެތޭ މިހާރު. އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިހާރު އެ ތިބީ. އަބްދުﷲ ޝާހިދަކީ ކާކުތޯ؟ ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟," އާދަމް މަނިކު ސުވާލު ކުރެއްވި އެވެ.
އޭނާ ވަނީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރަން ނިންމި ސަބަބުތައް ވެސް ނޫސްވެރީންނަށް ތަފްސީލު ކޮށް ދެއްވާފަ އެވެ.
އެމްޑީޕީގައި މިހާރު އިސްކޮށް ތިބީ ދަލުބޭރުން ޖެހިގެން އުޅޭ ބައެއް: ސަރަނގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ