ޕީއެންސީން ޕްރައިމަރީއެއް، އެމްޑީޕީގެ ޓިކެޓު ޞާދިޤަށް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީއިން ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު އެމްޑީޕީގެ ޓިކެޓު ޢަބްދުﷲ ޞާދިޤަށް ކަށަވަރުވެއްޖެއެވެ.
މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ސުޕްރީމް ކޯޓުން ޙުކުމްކުރުމާ ގުޅިގެން އެ ގޮނޑި ހުސްވެފައިވާތީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލީ، މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނަށް ތައްޔާރުވަމުން އަންނައިރު، ސިޔާސީ ޕާޓީތަކުންވެސް ދަނީ އެ ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މައި ދެ ސިޔާސީ ޕާޓީ، ޕީއެންސީއާއި އެމްޑީޕީން މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.
ބައި-އިލެކްޝަނުގައި ވާދަކުރަން ޕީއެންސީން ހުޅުވާލި ފުރުސަތުގައި 4 މީހަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް ހުށަހެޅި މީހުންގެ ތެރެއިން ހުރިހާ ލިޔެކިޔުމެއް ހަމަވެފައިވަނީ، އެ ދާއިރާގެ މެމްބަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދު ކަމަށް އެޕާޓީން ބުނެއެވެ. ޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއެއް ބާއްވާނެ ކަމަށް ބެލެވެއެވެ.
މި ބައި-އިލެކްޝަނާއި ގުޅޭގޮތުން އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލެވުނު މުއްދަތު ހަމަވިއިރު ކުރިމަތިލާފަވާނީ، އެންމެ މެންބަރެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން މި ދާއިރާއަށް ވާދަކުރާނީ ސ. ހިތަދޫ، ކައުސަރުގެ ޢަބްދުﷲ ޞާދިޤު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އެ ކޮމިޝަނުން ވަނީ، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ