އައްޑޫ ލިންކް ރޯޑްގެ ސާވޭ ކުރިއަށް

އައްޑޫ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުން އަންނަ އިރު، ލިންކް ރޯޑް މަޝްރޫއު އާރްޑީސީއާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ގަ އެވެ. އަދި އެ މަޝްރޫއު އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ.
އާރްޑީސީން ބުނީ ލިންކް ރޯޑް ތަރައްގީ ކުރުމުގެ ކުރިން ހަދާ ސާވޭގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައި، އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ އަވަށްތައް ކަމަށްވާ ފޭދު އާއި މަރަދޫފޭދު އާއި މަރަދޫ އަދި ހިތަދޫ ތެރެއިން އޮންނަ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. މި މަގުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، މަގުގައި ވަޅުގަނޑުތައް ހެދި އަދި މަގުގެ އެކި ހިސާބުތައް އަޑިގުނޑަންވުމުގެ ސަބަބުން މަގު ބޭނުން ކުރަން ވަރަށް ބޮޑަށް ދަތިވެފައިވެ އެވެ.
އެހެންވެ އެ މަގު އަލުން ތަރައްގީ ކުރަން އާރްޑީސީއާ ހަވާލުކުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ. އެގޮތުން ލިންކް ރޯޑްގެ ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ ކުރިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނެހެދި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސް 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ