އިޤުރާރުވީމޭ ލޯބިން - 16

އެހެންނަމަވެސް އެ އުފާވެރިކަމަކުން މިއަދު އައިރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އާނއެކެވެ. އޭނަ އެއިނީ ރިހާމްގެ ދަރިއަކަށް ބަލިވެއެވެ. އެއީ މި ދުނިޔެ މަތިން އަންހެނަކަށް ލިބޭނެ އެންމެ އުފާވެރި ޚަބަރު ނަމަވެސް، އެ އުފަލުން މިއަދު އައިރާ ވަނީ މަޙްރޫމް ވެފައެވެ. ލޯބިވާ ފިރިމީހާގެ ފަރުވާކުޑަކަމުގެ ސަބަބުންނެވެ. އައިރާގެ ހިތުގައި ބިރުވެރިކަމާ ނުތަނަވަސްކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ރިހާމް އޭނަ ގާތަށް ނާންނަތާ ތިން ދުވަސް ފާއިތުވެގެން ދިޔައީއެވެ. ގުޅާ ކޮންމެ ފަހަރަކު ވެސް ފޯނު ބިޒީކޮށްލަނީއެވެ. އަނެއްކާ ރިހާމް އޭނަ މަތިން އެކީ ފޫހިވީހެއްޔެވެ؟ ރިހާމް އޭނަ ދޫކޮށްލަފާނެކަމުގެ ބިރުވެރިކަން އައިރާގެ ހިތުގައި އުފެދިގެން ދިޔައެވެ. ވަރިކޮށްފިނަމަ އޭނާ ގޮސް ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ މި ދުނިޔޭގައި ރިހާމް ނޫން އެހެން އެއްވެސް މީހެއް އޭނަގެ ނެތެވެ. އައިރާއަށް އަނެއްކާވެސް އޭނަގެ ބަނޑުގައި އަތް ޖައްސައިލާ ބަނޑަށް ބަލައިލެވުނެވެ. އެ ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙްރޫމް ވާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަގެ ޙަޔާތުގައި ބައްޕައެއްގެ ލޯތްބެއް ނުލިބުނުތާ މަންމަގެ އަޅާލުމާއި އޯގާތެރިކަމެއްވެސް ނުލިބުނެވެ. ރަށުގައި އޭނަ އުޅުނު ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. މަންމަ ކުރަމުން ދިޔަ ފާފައިގެ ސަބަބުން، އޭނާ ތަޙައްމަލްކުރި ވޭންތައް ވެސް ދެނެވޮޑިގަންނަވާ ފަރާތަކީ ހަމައެކަނި އެކަލާނގެއެވެ. އެ ގެއަށް އަންނަ ފިރިހެނުންގެ ފަރާތުން ލިބުނު ގޯނާތައް ހަނދާންވާ ކޮންމެ ފަހަރަކު އަދިވެސް އައިރާއަށް އުނދަގޫވެއެވެ. އޭނަ އަމިއްލަ ޢިއްފަތްތެރިކަން ސަލާމަތްކުރި ނަމަވެސް، ބައެއްފަހަރު އެމީހުންގެ ބީހުންތަކުން ހަށިގަނޑު ރައްކާތެރިއެއް ނުކުރެވުނެވެ. އެމީހުންގެ ޝަހުވަތްތެރި ބެލުންތަކުން ރައްކާތެރިވާން އޭނަ ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރިއެވެ. ގަޔަށް ދޫ ހެދުން ލާފައި ގްރޭޑް ހަތަކަށް ދިޔުމާއެކު، ބުރުގާ އެޅި ސަބަބަކީވެސް އެއީއެވެ. އަމިއްލަ ހަށިގަނޑު އެ ނުބައި މީހުންގެ ބެލުންތަކުން ރައްކާތެރިކުރުމަށެވެ. އެމީހުންގެ ގޯނާތަކުން ސަލާމަތްވުމަށްޓަކައި، މަންމަގެ އެހީއަށް އެދުނު ނަމަވެސް، މަންމަގެ ފަރާތުން އެއްބާރުލުން ނުލިބުނުތާ އެ މަންމަ ބޭނުންވީ އޭނަވެސް އެކަމުގެ ތެރެއަށް ވައްދާށެވެ. އެމީހުންނަކީ ފަޤީރު ބައެއްކަމުގައި މަންމަ ބުންޏެވެ. ފައިސާ ހޯދުމަށްޓަކައި ކުރަމުން ދިޔަ ނުބައި އަމަލުތަކަކީ ކިހާ ބޮޑު ފާފައެއްކަން ވެސް ވިސްނާލަން ބޭނުން ނުވާފަދައެވެ. އެހެންނަމަވެސް، އައިރާ އޭނައަށް ވީވަރަކުން އެހުރިހާ ކަމަކާ ދުރުގައި ހުންނަން މަސައްކަތްކުރިއެވެ. ރޭގަނޑުގެ އެތައް ދަމެއް އޭނާ ބޭރުގައި ހޭދަކުރެއެވެ. ގެއަށް ވަންނަން ބޭނުން ނުވާތީއެވެ. އެންމެ ކުޑައިރުން ފެށިގެން ފެންނަމުން ދިޔަ މަންޒަރުތަކަކީ އާއްމު ކަމެއް ނަމަވެސް، އެކަމުގެ ނުބައިކަމާއި ފާފައިގެ ބޮޑުކަން އައިރާއަށް އެނގެއެވެ. ކޮންމެވެސް މީހަކު އައިސް، އެ މާހައުލުން އޭނަ ސަލާމަތްކޮށްދީގެން ކޮންމެވެސް ދުރުތަނަކަށް ގެންދިޔުމަކީ އޭނަ އަބަދުވެސް ކުރަމުން އައި ދުޢާއެކެވެ. އެހެން އުޅެނިކޮށް ޙަޔާތަށް ރިހާމް އައުން ވެގެން ދިޔައީ އައިރާއަށް، ލިބުނު ނަސީބެއްކަމުގައި އޭނަ ޤަބޫލުކުރިއެވެ. އޭނަ ރިހާމްއަށް ފުރުސަތު ދިނެވެ. ލޯބިވެސް ވިއެވެ. އިންތިހާއަށެވެ. އޭނައަކީ ރަށު މީހުން ބުނާހެން މުޑުދާރު އަންހެނެއްގެ މުޑުދާރު ދަރިއެއްކަމުގައި ޤަބޫލުކުރެވެމުން ދިޔަ ވިސްނުން ބަދަލުކޮށްލީވެސް ރިހާމްއެވެ. އެހެންނަމަވެސް، މިއަދު، އެހުރިހާކަމެއް ބަދަލުވެއްޖެއެވެ. އޭނަ އަނެއްކާވެސް އެކަނިވެރިވެއްޖެކަމުގެ އިޙްސާސް އައިރާއަށް ކުރެވިއްޖެއެވެ. "ކީއްވެތަ އަހަންނަށް އަބަދު ދެރަގޮތް ވަނީ؟ ކީއްވެތަ؟" އައިރާގެ ދެ ތުންފަތް ފޫ އަޅުވާލާފައި، މަޑު "އާހެއް" ބޭރުވެގެން ދިޔައެވެ. އަމިއްލަ ޙާލާ މެދު ޝަކުވާ ކުރެވުނެވެ. ރިހާމްގެ ފަރާތުން އެ ފެންނަ ފަރުވާކުޑަކަމުގެ ސަބަބުން މުޅި މީހާގެ ވަށައިގެންވަނީ ގިލަންވެރިކަމުގެ ވޭނީ ސިލްސިލާއެއް އުފެދިފައެވެ. ރިހާމް އޭނަ ދެކެ ލޯބިނުވާހެން ހީވާ ކޮންމެ ފަހަރަކު ހީވަނީ އޭނަގެ ހިތުގައި މީހަކު ބާރަށް ވިކައިގަންނަ ހެންނެވެ. ***** ކައިވެންޏަށްފަހު ރިހާމް ފުރީ ރާއްޖޭން ބޭރަށެވެ. އޭނަ ރާއްޖޭން ބޭރަށް ދާކަމަށާއި، ނުގުޅިދާނެ ކަމަށް ބުނެ އައިރާއަށް މެސެޖެއްކޮށްލުމަށްފަހު، ދިހަ ހާސް ރުފިޔާވެސް ފޮނުވިއެވެ. އެކަމަކުން އައިރާގެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނައަށް ދެރަވެ ރޮވުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ ފައިސާއެއް ބޭނުމެއް ނޫނެވެ. މުދަލެއްވެސް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ރިހާމްއެވެ. ރިހާމްގެ ލޯތްބެވެ. އެ އޯގާތެރިކަމާއި އަޅާލުމެވެ. އޭނަގެ ނާމާން ޙަޔާތުގެ އަނދިރިކަމުން ސަލާމަތްކޮށްގެން އަމާން އައްސޭރިއަކަށް ގެންގޮސްދިން ރިހާމްއެވެ. އޭނަގެ ފިރިމީހާއެވެ. ލޯގަނޑުކުރިމަތީގައި ހުރެ އައިރާ ތައްޔާރުވަމުން ދިޔައެވެ. އަބާޔާއެއް ލައިގެން ހުރިއިރު، އޭނަގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ޝޯލް އަޅައިލުމަށްފަހު، ބަނޑުގައި އަތް ޖައްސައިލެވުނެވެ. ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ފޯނު ނަގާ ރިހާމްއަށް ގުޅައިލިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ރިހާމް އޭނައަށް ފައިސާ ފޮނުވާފައި މެސެޖު ކުރިފަހުންވެސް ތިން ދުވަސްވީއެވެ. އެއްވެސް ޚަބަރެއް ނުވެއެވެ. ވައިބާއާއި އެހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން މެސެޖު ކުރިނަމަވެސް ޖަވާބެއް ނާދެއެވެ. ކުޑަމިނުން މެސެޖު ބަލައެއް ވެސް ނުލައެވެ. ފެންކަޅިވި ދެލޯ ފުހެލުމަށްފަހު، އޭނަ ހަމަޖެހިލިއެވެ. އެއަށްފަހު ކުރިން ދުވަހު ހެދި ޓެސްޓްތަކާއި ރިޕޯޓްތައް ހިފައިގެން އޭނަ ގޮސް ކޮޓަރިން ނުކުމެލިއެވެ. ހަރުގަނޑުން ފައިވާނެއް ނެގުމަށްފަހު އަރައިގެން ގޮސް އެޕާރޓްމެންޓުން ނުކުމެލިއެވެ. ލިފްޓުގެ ބަޓަނަށް ފިތައިލުމަށްފަހު، އަދިވެސް އެއްފަހަރު ރިހާމްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ފޯނު ނުނަގާނެކަން އެނގުނު ނަމަވެސް، ހިތަށް ކެތްނުވީއެވެ. ކޮންމެ އަންހެނަކުވެސް ފިރިމީހާގެ އެހީތެރިކަމާއި އޯގާތެރިކަމަށް އެދޭނެއެވެ. އަދި ވަކިން ބޮޑަށް އެ ޙާލަތުގައި ޑޮކްޓަރަށް ދައްކަން ދާއިރު ފިރިމީހާ އޭނަ ކައިރީގައި ހުންނަން ބޭނުންވެސް ވާނެއެވެ. އެއީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ. އެއީ އޭނަގެ ހައްޤެއްކަމުގައި އައިރާއަށް ޤަބޫލުކުރެވެއެވެ. އޭނަ ރިހާމްއާއެކު ޢާއިލާއެއް ބިނާކުރުމަށް ފޮނި އުންމީދުތަކެއް ކުރިއެވެ. އެހެންނަމަވެސް، މިއަދު އެހުރިހާ ހުވަފެނެއްވެސް ވިއްސި ވިހާލިވެގެން ހިނގައްޖެއެވެ. ވީވެސް އެހެންނެވެ. ރިހާމް ފޯނެއް ނުނަގައެވެ. އައިރާ ލިފްޓަށް އަރައިގެން ތިރިއަށް ދިޔުމަށްފަހު މަގުމައްޗަށް ނުކުމެލިއެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު، އެއަށް އަރާ ހޮސްޕިޓަލަށް ދިޔުމަށް އައިރާ ބުނެލިއެވެ. ޑްރައިވަރު ކާރު ދުއްވާލުމުން ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން އޭނައަށް އިނދެވުނެވެ. އޭރު އޭނަގެ ސިކުނޑިއަށް ތަފާތު ޚިޔާލުތައް ވެރިވަމުން ދިޔައެވެ. ހޮސްޕިޓަލާ ހިސާބަށް ދެވުނުކަންވެސް، އޭނައަށް އެނގުނީ، ޑްރައިވަރު ވާހަކަ ދެއްކުމުންނެވެ. ލާރި ދައްކާފައި ޓެކްސީއިން ފޭބުމަށްފަހު، އޭނަ ގޮސް ހޮސްޕިޓަލަށް ވަނެވެ. އެއީ ހަވީރުގެ ވަގުތަކަށްވުމާއެކު ހޮސްޕިޓަލު ތެރެވެސް ފުދޭވަރަކަށް ހަލަބޮއްޔެވެ. އާއްމުކޮށް ބަލިމީހުންނަށް، ޒިޔާރަތްކުރާ ވަގުތަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ލިފްޓުތައް ބިޒީކަމުން އެސްކެލޭޓަރއިން އައިރާ އެރީ، ދެވަނަ ފަންގިފިލާއަށެވެ. އޭނަ ކައުންޓަރު ކައިރިއަށް ޖެހިލާފައި، އައިޑީ ކާޑު ދިއްކޮށްލިއެވެ. އަދި އެޕޮއިންޓްމެންޓެއް ހަމަޖެހިފައި ވާ ވާހަކަ ބުނެލިއެވެ. ކައުންޓަރުގައި އިން އަންހެން ކުއްޖާ އައިރާގެ އައިޑީ ކާޑުގައި ހިފަމުން ކޮންޕިއުޓަރަށް ނަޒަރު ހުއްޓައިލިއެވެ. އެއަށްފަހު ސިސްޓަމުން ބަލާލުމަށްފަހު، މެމޯ ހައްދައިލަދިނެވެ. މެމޯއާއެކު އައިޑީކާޑު ދެމުން، ދާންވީ ތަން ވެސް ބުނެލަދިނެވެ. އެ ހިފައިގެން އައިރާ، ގޮސް ޑޮކްޓަރުގެ ކޮޓަރީގެ ކުރިމަތީގައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައި އިށީނެވެ. އޭނައަށް ލިބުނީ ފަސްވަނަ ޓޯކެން ނަންބަރެވެ. މިހާރު ޑޮކްޓަރު ބަލަމުން ދަނީ ޓޯކެން ނަންބަރު ތިނެއްކަމުން، އަދި ވަގުތު ކޮޅެއް އޮތީތީ، އޭނަ ފޯނު ނަގާ ހުޅުވައިލިއެވެ. "އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުންވެފަ އެބައޮތް." އައިރާގެ އަތުގެ އިނގިލިތައް ހަރަކާތްކޮށްލިއެވެ. އޭނަ މެސެޖު ލިޔެލާފައި ރިހާމްއަށް ފޮނުވައިލިއެވެ. ރިހާމްގެ ޖަވާބެއް ލިބޭނެކަމަށް އިންތިޒާރުކުރަމުން ފޯނަށް ބަލަހައްޓައިގެން އައިރާއަށް އިނދެވުނީ ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް މިފަހަރުވެސް އައިރާއަށް ޖެހުނީ މާޔޫސްކަމާއެކު އިސްޖަހާލާށެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓްފަހުން އޭނަގެ ޓޯކެން ނަންބަރު ޓީވީއަށް އަރައިފިއެވެ. އައިރާ ގޮސް ޑޮކްޓަރުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނެވެ. އޭނަ ފެނުމުން ޑޮކްޓަރު ހިނިތުންވެލިއެވެ. އެއީ ދިވެހި ޑޮކްޓަރެކެވެ. އައިރާ އޭނަގެ ދަބަސް ތެރެއިން ނެގި ރިޕޯޓްތައް ޑޮކްޓަރަށް ދައްކައިލިއެވެ. "ކުރިން ދުވަހު ހެދި ޓެސްޓްތައް ދައްކާލަންވެގެން..." އައިރާ ބުނެލިއެވެ. "ރިޕޯޓުތަކުން މި ދައްކަނީ ބަނޑުބޮޑުކަމަށް. އެނގޭ ދޯ..." ޑޮކްޓަރު ހީނލުމާއެކު، އައިރާ ބޯ ޖަހައިލިއެވެ. "ސްކޭނަކާ ބައެއް ލޭގެ ޓެސްޓްތައް ހަދާލަން ދޭނަން އިނގޭ. ހުރިހާ ޓެސްޓެއް ހަދާލާފަ، ރިޕޯޓްތައް ލިބުނީމަ އާދޭ....." ޑޮކްޓަރު އޯގާތެރިކަމާއެކު ބުނެލިއެވެ. "ބޭބީ އޯކޭތަ؟" އައިރާއަށް ސުވާލުކޮށްލެވުނެވެ. "ލޭގެ ޓެސްޓުން ޕޮސިޓިވްކޮށް ދައްކަނީ. އިންޝާ ﷲ ، ހުރިހާކަމެއްވެސް ރަނގަޅުވާނެ. ދެން ސްކޭން ހަދާލީމަ އިތުރަށް އެނގޭނީ..." ޑޮކްޓަރު އޮޅުން ފިލުވައިލަދިނެވެ. "ބަނޑުބޮޑުވީމަ ފަށަންޖެހޭ ބޭސް ދެން މިވަގުތު ލިޔެލަދޭނަން. އިތުރު އުނދަގުލެއް ވޭތަ؟" "މޯރނިންގ ސިކްނެސް... ހޭލާއިރު ވަރަށް ބޮޑަށް ހޮޑުލަވާފަ ހުންނަނީ..." އައިރާ ބުނެލިއެވެ. "އެހެންތަ؟ އެއީ ދެން ޕްރެންނެންސީގަ ވަރަށް ގިނަ މީހުންނަށް ވާގޮތެއް. އެކަމަކު މާބޮޑަށް ހޮޑުލެވެންޏާ ކާލަން ބޭހެއްވެސް ލިޔެލަދޭނަން." އެހެން ބުނެލުމަށްފަހު ޑޮކްޓަރު ބޭސްވެސް ލިޔެދިނެވެ. އައިރާ ޑޮކްޓަރަށް ޝުކުރު އަދާކޮށްފައި ބޭސް ސިޓީ ހިފައިގެން ނުކުމެލިއެވެ. ގެއަށް ދިޔުމުގެ ކުރިން ހޮސްޕިޓަލް ތެރޭގައި ހުންނަ ފާރމަސީއިން ބޭސް ނެގުމަށްވެސް އޭނަ ނިންމިއެވެ. ***** ޒަހްރާން އިނީ ރެސްޓޯރެންޓެއްގައެވެ. އޭނަގެ ކުރިމަތީގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ފަންކޮށްލާފައި ބޮލޮންޑް ކުލަ ޖައްސާލާފައި ހުރިއިރު އެ އަންހެން ކުއްޖާ ހުރީ ގަދަޔަށް މޭކަޕްކޮށްލާފައެވެ. ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސާލާފައިވާއިރު، އިނީ ހިނިތުންވެލައިގެންނެވެ. އޭނަގެ ނަޒަރު ވަނީ ޒަހްރާނަށް ހުއްޓިފައެވެ. ޖީންސްއަކާއި ޓޮޕްކޮޅެއްފައި އިންއިރު، ލާފައިވާ ޓޮޕްކޮޅު ކުރުކަމުން ބަނޑު ފޮރުވެނީ ކިރިޔާއެވެ. އަރާފައިވަނީ އުސް ފައިވާނަކަށެވެ. އެ ދެމީހުން ތިބީ ރެސްޓޯރެންޓުގެ ބޭރަށް ވާގޮތަށް ހާމައަށް އޮތް ދިމާލުގައެވެ. އެއީ ހޮސްޕިޓަލުގެ އެއްފަރާތުގެ ހުރި ރެސްޓޯރެންޓެކެވެ. އެ އަންހެން ކުއްޖާ ޒަހްރާންގެ އަތުގައި އަތް ޖައްސައިލިލިއެވެ. އެއަށްފަހު މޭޒުމަތީގައި ބާއްވާފައި އޮތް ރަތްކުލައިގެ ފިނިފެންމަލަށް ބަލައިލިއެވެ. "ތެންކިއު... ވަރަށް ވަރަށް ލޯބި...." އެއީ ޒަހްރާން އެ އަންހެން ކުއްޖާއަށް ގެނެސްދިން ފިނިފެން މަލެކެވެ. އެ ކުއްޖާގެ ވާހަކައާއެކު ޒަހްރާން ހިނިތުންވެލިއެވެ. އޭނައާ އެ އަންހެން ކުއްޖާއާ ދިމާވީ އަލަށެވެ. ދެމީހުން ފޭސްބުކުން ދިމާވެ ރައްޓެހިވިތާ ވެސް މާގިނަ ދުވަހެއް ނުވާނެއެވެ. ވިޔަސް ވާނީ ހަފްތާއެއްހާ ދުވަހެވެ. ޒަހްރާން ކޮންމެހެން އެ ކުއްޖާއާ ވާހަކަ ދައްކަން ފެށީ އެ ކުއްޖާ ކަމުދަތީއެއް ނޫނެވެ. އެހެންނަމަވެސް، އެގޮތަށް އެކަނި އުޅެންވުމުން ފޫހިވާތީއެވެ. ހަމައެއާއެކު އައިރާއާ މެދު ވިސްނޭވަރުން އެކަމުން ސިކުނޑި މިންޖުކުރުވުމުގެ ބޭނުމުގައިވެސް މެއެވެ. އެގޮތަށް އަންހެން ކުދިންނާ ވާހަކަ ދައްކާލާ ބައްދަލުކުރުމަކީ އޭނައަށް އާކަމެއްވެސް ނޫނެވެ. އަދި މާ ބޮޑު ކަމެއް ވެސް ނޫނެވެ. އެއީ ރާއްޖޭން ބޭރުގައި އުޅުނުއިރުވެސް އޭނަ އުޅެމުން އައި ގޮތެވެ. އެ އަންހެން ކުއްޖާއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި، ޒަހްރާން މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އެވަގުތު، އޭނަގެ ލޮލުގައި އަޅައިގަތީ، ހޮސްޕިޓަލުން ނުކުމެގެން އައިސް އެ ދިމާލުގައި ހުރި ގަހެއްގެ ދޮށުގައި މަޑުކޮށްލި އައިރާއެވެ. ޒަހްރާންގެ ހިނިތުންވުން ފަނޑުވެ އޭނަގެ ހުރިހާ ސަމާލުކަމެއް އައިރާއަށް ހުއްޓިގެން ދިޔައެވެ. "އެނގޭތަ އަހަރެންގެ ފެވަރިޓް މަލަކީވެސް ރޯޒް. އެވެސް ރެޑް ރޯސް. ތެންކިއު އެގެއިން..." އެ އަންހެން ކުއްޖާ ބުނެލި ވާހަކައަށްވެސް މިފަހަރު، ޒަހްރާނަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނައަށް ބެލެނީ ހަމައެކަނި އައިރާއަށެވެ. އައިރާ ނުކުތީ ހޮސްޕިޓަލުންކަން ޒަހްރާނަށް އެނގުމާއެކު ކުޑަކޮށް ކަންބޮޑުވެސް ވިއެވެ. އަނެއްކާ އައިރާ ބަލިވީހެއްޔެވެ؟ އައިރާ އޭނަގެ އަތުގައި އޮތް ކަރުދާސްތަކެއް ދަބަހަށް ލީތަންވެސް އޭނަގެ ލޮލުގައި އަޅައިގަތެވެ. ޒަހްރާން އޭނަގެ އަތް އެ އަންހެން ކުއްޖާގެ އަތުތެރެއިން މިނިވަންކުރިއެވެ. އަދި އިތުރު އެއްޗެއް ބުނުމެއްނެތ އޭނަ ތެދުވެލިއެވެ. "ދަނީތަ؟ ރެން... ކިހިނެއްވީ؟" އެ އަންހެން ކުއްޖާ ސުވާލުކޮށްލީ ހައިރާންކަމާއެކުގައެވެ. ކުއްލިއަކަށް ޒަހްރާންއަށް އައި ބަދަލުން އޭނަވެސް ހައިރާންވިއެވެ. "ބާއި..." ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލުމާއެކު އެތަނުން ދާން ޒަހްރާން އަވަސްވެގަތެވެ. އެއާއެކު އެ ކުއްޖާ ޒަހްރާންގެ އަތުގައި ހިފެއްޓިއެވެ. "ދެން ކޮން އިރަކުން ދިމާވާނީ." އޭނަ ސުވާލުކޮށްލިއެވެ. "ވީ ވިލް ނެވަރ މީޓް އެގެއިން... ގުޑްބާއި..." ޒަހްރާން ބުނެލިއެވެ. އެއަށްފަހު އޭނަ ހިނގައިގަތެވެ. އެ މަންޒަރު ބަލަން އިން އަންހެން ކުއްޖާ، ފޫހިކަމާއެކު ތުން އަނބުރާލިއެވެ. ޒަހްރާނަށް ގޮސް މަގުމައްޗަށް ނުކުމެވުނެވެ. އޭނަ އައިރާއާ ގާތަށް ދާން ފިޔަވަޅެއް ކުރިއަށް އަޅައިލިނަމަވެސް، މަޑުޖެހެވުނެވެ. ކުޑަކޮށް ވިސްނައިލަން ޒަހްރާންގެ ޒަމީރު މަޖުބޫރުކުރުވީއެވެ. އޭނަ ގޮސް އައިރާ ގާތުން ކަންތައްތައް އޮޅުން ފިލުވާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭރުވެސް އައިރާ ޓެކްސީއެއް ލިބޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައެވެ. އެތަކެއް އިރެއްފަހުން، އެންމެފަހުން ޓެކްސީއެއް ލިބިއްޖެއެވެ. ޒަހްރާންވެސް ގޮސް އޭނަގެ ސައިކަލަށް އަރާ ދުއްވައިލިއެވެ. އައިރާ ދިޔަ ޓެކްސީގެ ފަހަތުން ޒަހްރާން ދިޔައެވެ. އޭނައަށް އައިރާ އެފެނުނީ ދުވަސްކޮޅެއް ފަހުން ނަމަވެސް، އައިރާ ހަމަ ފެނުމާއެކު އޭނަގެ ހިތުގައި ތަފާތު ވިންދެއް ހޭލައްވާލައިފިއެވެ. ޒަހްރާނަށް ހީވީ އެތަކެއް ދުވަހެއް ވަންދެން ދުށުމަށް ބޭޤަރާރުވެފައިވީ ސޫރަ ފެނިލިހެންނެވެ. އެ ކާރުގެ ފަހަތުން ދެވުނީވެސް އެހެންވެ ކަންނޭނގެއެވެ. އެޕާރޓްމެންޓުތަކުގެ ކައިރިއަށް ކާރު މަޑުކޮށްލުމުން އައިރާ ފޭބިއެވެ. ޒަހްރާންވެސް ސައިކަލު ޕާކުކޮށްލިއެވެ. އޭނަ ތަންކޮޅެއް ދުރުގައި އައިރާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިތުރަށް ކުރިއަށް ދާން ނުކެރުނީ ކުރިން ދުވަހު އައިރާ އޭނައާ ދިމާލަށް ބުނެލި ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައީތީއެވެ. "އެހެން ނޫނަސް ޒަހްރާން ނުޖެހޭނެ އަހަރެންގެ ޒާތީ ދިރިއުޅުމާ މެދު ޝައުޤުވެރިވާކަށް. ލެޓް މީ ބީ....... އެއްވެސް ކަމެއް އެކްސްޕްލެއިން ކޮށްދޭކަށް ބޭނުމެއް ނޫން. އެކްސްޕްލެއިން ކޮށްދޭކަށް ނުވެސް ޖެހޭނެ!" ހިތުގެ ޖަޒުބާތުތައް ކިޔަމަން ކުރުވަން ޒަހްރާނަށް އުނދަގޫވިއެވެ. "އަހަންނަށް މިވަނީ ކިހިނެއް؟ ކީއްވެތަ އޭނަ ފަހަތުން އާދެވެންވީ؟ އޭނަގެ ދިރިއުޅުމާ މެދު ޝައުޤުވެރިވާން އަހަންނަކީ ކާކުތަ؟ ވަޓްސް ހެޕެނިންގ ޓު މީ..." ޒަހްރާނަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އޭނައަކީ އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް ފަހަތުން ދުވި މީހެއް ނޫނެވެ. އަންހެން ކުއްޖަކު ދުށުމަށްޓަކައި ބޭޤަރާރުވި މީހެއް ވެސް ނޫނެވެ. އިންތިޒާރުކުރި މީހެއްވެސް ނޫންމެއެވެ. ވީއިރު މިއަދު ބަދަލުވީ ކޮންކަމެއް ހެއްޔެވެ؟ އައިރާގެ ސަބަބުން އޭނައަށް މި އަންނަނީ ކޮން ކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ ދުވަހަކު އެހެން ކުއްޖަކަށް އޭނަގެ ހިތަށް ބާރު ނުފޯރުވޭ ފަދަ ގޮތަކަށް އައިރާއަށް ބާރު ފޯރުވެންވީ ކީއްވެހެއްޔެވެ؟ އޭނައަށް އައިރާ ޚާއްސަވަނީ ހެއްޔެވެ؟ ޖަވާބު ލިބުމެއް ނެތް އެތަކެއް ސުވާލުތަކަކުން ޒަހްރާންގެ ހިތް ތެޅި ފޮޅިގަތެވެ. ***** އައިރާއަށް ސްކޭން ކުރެވޭ ވަރުވީ އޭގެ ދެ ދުވަސްފަހުންނެވެ. އެ ދުވަހު ސްކޭންކޮށްފައި ގެއަށް އައި ތަނާހެން އަނެއްކާވެސް ބަނޑުގައި ރިއްސަން ފެށިއެވެ. އެކަމާ ބިރުން އައިރާ އެންމެފަހުން އެޕޮއިންޓްމެންޓެއް ހެއްދުމަށްފަހު ޑޮކްޓަރަށް ދައްކަން ދިޔައީއެވެ. "ހައިރިކްސް ޕްރެގްނެންސީ" އެއްކަމަށް ކަނޑައެޅުމަށްފަހު، އިންޖެކްޝަނެއް ޖެހުމަށްފަހު، އައިރާ އޮބްޒަވޭޝަންގައި ބޭއްވުނެވެ. މެންދުރު ބާރަ ޖެހިއިރު، ހޮސްޕިޓަލުގައި ބޭއްވި އައިރާ ގެއަށް ދޫކޮށްލީ އެރޭގެ އެގާރަ ޖަހާ ބޮޑުވީފަހުންނެވެ. ޑޮކްޓަރުން ބުނީ އެއްވެސް މަސައްކަތެއް ނުކޮށް "ފުލް ބެޑް ރެސްޓް" ކުރުމަށެވެ. އެކަން އެނގުމުން އައިރާ އެތަކެއް ފަހަރަކު ރިހާމްއަށް ގުޅިއެވެ. އެތަކެއް މެސެޖެއް ކުރިއެވެ. އޭނައަށް ދުވަހަކު ކަމެއް ކޮށްދެންޏާ މެސެޖަށް ޖަވާބު ދިނުމަށް އެދި އާދޭސްކުރިއެވެ. ރިހާމްގާތު ބުނަން ޖެހޭ ވާހަކަތަކެއް އޮތްކަމަށް ބުނެފައެވެ. އެހެންނަމަވެސް ރިހާމްއެއް އެއިން އެއްވެސް މެސެޖަށް ޖަވާބެއް ނުދިނެވެ. އެކަމުން އައިރާއަށް އިތުރު ވޭން ލިބުން ނޫންކަމެއް ނުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނަ މިވަގުތު ރިހާމްގެ އަޅާލުމާއި، ލޯބި އިންތިހާއަށް ބޭނުމެވެ. ގެއަށް ގޮސް ލިފްޓަށް އެރިއިރު، އައިރާގެ ދެލޯ ފެންކަޅިވިއެވެ. އޭނަ ނުރޯން ހިތްވަރު ކުރިނަމަވެސް، ކެތްކުރެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން ލިފްޓު ތެރޭގައި އޭނައަށް ރޮވިއްޖެއެވެ. މައްޗަށް ގޮސް ލިފްޓު މަޑުޖެހިލުމާއެކު ދޮރު ހުޅުވުނެވެ. އޭރު ޒަހްރާން ހުރީ ސަރައްކާލީގައި މަޑުކޮށްލައިގެން ލިފްޓުގެ އިންތިޒާރުގައެވެ. ލިފްޓު ހުޅުވުމާއެކު، އޭނައަށް ވެސް ބަލައިލެވިއްޖެއެވެ. އެއާއެކު ޒަހްރާންގެ ލޮލުގައި އައިރާ އަޅައިގަތެވެ. އެ ދެލޮލުގައިވި ކަރުނައާއި، އެ ވޭނީ އަސަރުތައް ފެނުމުން އޭނަގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. އައިރާ އަވަސް އަވަހަށް ލިފްޓުން ނުކުމެގެން އެޕާރޓްމެންޓާ ދިމާލަށް ފިޔަވަޅު އަޅައިލި ނަމަވެސް، ހުއްޓުން އެރީ، އޭނަގެ އަތުގައި ހިފައްޓާލަމުން ޒަހްރާން ގޮވާލުމުންނެވެ. "އައިރާ...." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ