މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ސަޕްލައި ޗެއިންއަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާކޮށް، ހުއްޓުމެއްނެތި އަސަސާސީ ކާބޯތަކެތި ރާއްޖެއަށް ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެގޮތުން:
ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި؛ ރާއްޖެ އަންނަ ގިނަ އެއާލައިންތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައި
އޭގެ އިތުުރުން، އެންމެ ގިނައިން ތެޔޮ ބޭރުކުރާ ހޮރްމޫޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައި
ނިއުޅެމުންދާ މި ކަންކަމާ ގުޅިގެން، ރާއްޖެއަށް ކޮށްފާނެ އަސަރުތަކާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިރޭ ވަނީ ބަޔާނެއް ނެރެފައި
ތަފްސީލު - މިނިސްޓްރީގެ އެ ބަޔާނުގައި ބުނީ، ދައުލަތުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަހުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އެގޮތުން:
ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް މިނިސްޓްރީން އަންނަނީ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާ ކުރަމުން
ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށް ބޭނުންވާ އެހެނިހެން މާކެޓުތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުން
"މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ،" ބަޔާނުގައިވެ އެވެ.
"މިގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ."
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި، މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާ އެކު ލިބޭނެ މަގުފަހުކޮށްދިނުމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ހަމަލާއާ ގުޅިގެން ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
މެދުނުކެނޑި އަސާސީ ކާބޯތަކެތި ލިބޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ