ޖަރުމަނުން އަންނަ ފަތުރުވެރިން އިތުރުކުރަން ވިޒިޓް މޯލްޑިވްސްއިން ޑާޓުއާއާ އެކު އެއްބަސްވުމެއް
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ވިޒިޓް މޯލްޑިވްސްއިން, ވިލާތުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޖަރުމަނުވިލާތުގެ ޑާޓުއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޖަރުމަނުގެ ވެރިރަށް ބާލިންގައެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ، އެ އެއްބަސްވުމަކީ، ޖަރުމަނުވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، އިންޑިއަން އޯޝަން އަދި އޭޝިޔާ، ޔޯން ކްރައުޒާއެވެ. އެ އެއްބަސްވުމުގެ ދަށުން ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށް ވުރެ މައްޗަށް ޖެއްސުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެއް ކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. މާފުށީގައި ދެ ފަތުރުވެރިޔަކު: ޖަރުމަނުން އަންނަ ފަތުރުވެރީން އިތުރުކުރަން އެމްއެމްޕީއާރުސީން ވަނީ ޑާޓުއާއާއެކު އެއްބަސްވުމެއް ހަދައިފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް އެ ކޯޕަރޭޝަނުން ވަނީ މި ފަހުމުނާމާގެ ދަށުން ރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށްޓަކައި ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ. ޖަރުމަނުގެ ފަތުރުވެރިންގެ ޝައުގުވެރިކަމާއި ސީޒަނަލް ޑިމާންޑަށް ބިނާކޮށް، ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރާވައިފައިވާ ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. މީގެ އިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް އެކުލަވައިލާ ސްޓްރެޓެޖީތައް ހަރުދަނާކުރުމަށްޓަކައި ޑާޓުއާ އިން ފަންނީ ލަފަޔާއި މާކެޓް އެކްސްޕަޓީޒް ފޯރުކޮށްދޭނެ ކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ފަތުރުވެރިކަމާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި ބާޒާރުގެ ފަންނީ ތަޞައްވުރު ހިއްސާކުރުމަށް އެއްބަސްވެފައި ވާކަމަށްވެސް ވަނީ ބުނެފައެވެ. އެ ކޯޕަރޭޝަނުން ވަނީ މި ފަހުމުނާމާގެ ދަށުން ދެ ފަރާތުން ގުޅިގެން ޓްރޭޑް އިވެންޓްތަކާއި ސޭލްސް އެކްޓިވޭޝަންތައް ކުރިއަށްގެންދާނެ ކަމަށާއި މީގެ މައިގަނޑު މަގުސަދަކީ ޖަރުމަނުވިލާތުގެ ޓްރެވަލް ޓްރޭޑް ދާއިރާއާ އޮންނަ ގުޅުން ބަދަހިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް ބުނެފައެވެ. ޑާޓުއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ އަދި ރާއްޖޭގައި ރިސޯޓް އިންވެސްޓްމަންޓްތައް ވެސް ގެންގުޅޭ ކުންފުންޏެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ޑާޓުއާ އާއި އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. ޖަރުމަނުން މިދިޔަ އަހަރު ރާއްޖެއަށް 167,481 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. މި އަހަރުގެ މިހާތަނަށް ޖަރުމަނު އޮތީ ލިސްޓުގެ ފަސްވަނައިގައި ކަމަށްވާއިރު އެ ގައުމުން 18,630 ފަތުރުވެރިން އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ