ސަން ސިޔާމް ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި ސާވިސް ޖާގު ދިވެހި ރުފިޔާއިން ނިންމީ ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައި އޮތުމުން އެ ކުންފުންޏަށް އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވީ ސިޔާމް ރިސޯޓުތަކުގެ މި ނިންމުމަށް ފާޑުކިޔުން އަމާޒުވަމުން ދިޔުމާ ގުޅިގެން، ކަންކަން ސާފުކޮށްދިނުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލަކީ ކުންފުނީގެ ވިޔަފާރި ތާރީހުގައި ނިންމި އެންމެ އުނދަގޫ އަދި، މަޖުބޫރީ ނިންމުމެކެވެ.
"ސަން ސިޔާމް ކުންފުނިން މުއައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ ސާވިސް ޗާޖް ދިވެހި ރުފިޔާއިން ދޭގޮތަށް ނިންމެވި ނިންމެވުމަކީ ސަންސިޔާމް ކުންފުނިން މިދިޔަ 25 އަހަރު ތެރޭގައި ނިންމެވި އެންމެ އުދަގޫ އަދި އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނިންމެވި ނިންމެވުމެއް!" އައްބާސް ލިޔުއްވާފައި ވެ އެވެ.
ސަން ސިޔާމް ރިސޯޓުތަކުގެ މި ނިންމުމުގެ ޒިންމާ އައްބާސް އެޅުވީ ސަރުކާރުގެ ބޮލުގަ އެވެ. އައްބާސް، ވިދާޅުވީ މިއީ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ދިން ލަފާ އާއި މަޝްވަރާއަށް ނުބަލައި "ގޮތްދޫނުކުރުމާއި، ބޮޑާކަން އިސްކޮށް، ގަދަބަސްބުނެ" ޑޮލަރު މާރުކުރަން ނިންމުމުން ނިކުތް ނަތީޖާއެއް ކަމަށެވެ.
ސަރުކާރަށް އިތުރު ފާޑުކިޔުން އަމާޒުކުރަމުން އައްބާސް ވަނީ ސަރުކާރުގެ މި ނިންމުމަކީ ޓޫރިޒަމް އިންވެސްޓަރުންނާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ އާއިލާތަކަށް ދަތިކުރާ "ޖާހިލު" އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ މި ސަރުކާރު ސިފަކުރީ ވެސް ވަރަށް ޖާހިލު ސަރުކާރެއްގެ ގޮތުގަ އެވެ.
އައްބާސް ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސްގެ ރައީސް އަދި ސަން ކުންފުނީގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަކީ ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ފާޅުގައި އެންމެ ދެކޮޅު ހެއްދެވި ވިޔަފާރިވެރިޔާ އެވެ. އޭނާ ވަނީ މި ސިޔާސަތު ތަންފީޒުކުރަން ފެށުމުގެ ކުރިން ވެސް މިއީ ޓޫރިޒަމް ވިޔަފާރިތަކަށް ދަތި ވާނެ ކަމެއްކަމަށް ވިދާޅުވެފަ އެވެ.
ސިޔާމް ރިސޯޓްސްއިން ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން ނިންމިއިރު، ސާވިސް ޗާޖަކީ ބޭރު ފައިސާގެ އިލްތިޒާމެއްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަލައިގަންނަ ކަމެކެވެ. މިހެންކަމުން، ކޮންމެ މަހެއްގެ މައްޗަށް މާރުކުރަން ޖެހޭ "ގްރޮސް ސޭލްސް ޕްރޮސީޑްސް" ހިސާބުކުރާއިރު، މި ބައި އުނިކުރެވެ އެވެ. އަދި، މިއީ މާރުކުރަން ޖެހޭ 20 ޕަސެންޓުގެ ތެރޭގައި ހިމެނޭ އަދަދެއް ނޫނެވެ.
ބައެއް ރިސޯޓުތަކުން ކުރިން ޑޮލަރުން ދެމުން އައި ފައިސާ "ދަތިވެގެން" ރުފިޔާއިން ދޭން ނިންމިއިރު، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ދިވެހި ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ވަނީ ރުފިޔާއިން ދެމުން އައި މުސާރަ ޑޮލަރުން ދޭން ނިންމާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޔުނިވާސަލް ރިސޯޓްސްއިން ވެސް އަންނަނީ މި ބަދަލު ގެންނަން ތައްޔާރުވަމުންނެވެ. ނަމަވެސް މި ކަން އަދި ކަށަވަރެއް ނުކުރެ އެވެ.
ސަން ސިޔާމް ރިސޯޓުތަކުން ސާވިސް ޗާޖު ރުފިޔާއިން ދެނީ ގޮތް ހުސްވެގެން: އައްބާސް ސަން ސިޔާމް ރިސޯޓުތަކުން ސާވިސް ޗާޖު ރުފިޔާއިން ދެނީ ގޮތް ހުސްވެގެން: އައްބާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ