ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާއެކު ފެށުނު ހަނގުރާމައާ  ގުޅިގެން މެދުކަނޑާލި ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.
މިދިޔަ ދުވަސްތަކުގައި އެމެރިކާއާއި، އިސްރާއީލް އަދި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމައާ ގުޅިގެން، ވައިގެ ސަރަޙައްދުތައް ބަންދުކުރުމާއި ސަލާމަތީ ސަބަބުތަކަށްޓަކައި ގަތަރު އެއާވޭސްއިން ވަނީ ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ނަމަވެސް، މަޝްރަޙު މިހާރު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅި ހަނގުރާމަ މެދުކަނޑާލަން ނިންމުމާއެކު، އެ އެއާލައިނުން މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ.
މިހާރު ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް، ގަތަރު އެއާވޭސްއިން ހަފްތާއަކު ފަސް ފްލައިޓް ރާއްޖެއަށް ބާއްވާނެއެވެ. މި ތާވަލަށް 15 އޭޕްރީލްގެ ނިޔަލަށް ދަތުރުތައް ކުރިއަށްދާނެ ކަމަށް އެ އެއާލައިނުން މަޢުލޫމާތުދެއެވެ. އަދި ސަރަޙައްދީ ހާލަތަށް ބަލައި، ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރަށް ބުރޫއެރި ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އެއާލައިނުން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ޓިކެޓްތައް 15 ޖޫންއާ ހަމައަށް ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ކުރިއަށް ހުރި ދަތުރުތަކުގެ ތާވަލަށް ބަދަލު އައުން އެކަށީގެންވާތީ، ދަތުރުވެރިން ފްލައިޓްގެ އެންމެ ފަހުގެ މަޢުލޫމާތު އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކަސްޓަމާ ސާވިސް މެދުވެރިކޮށް ޗެކްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ