ތެޔޮ ބޯޓެއްގައި ރޯވުން: ފީއަލީގައި މިދިޔަ އަހަރު ހުޅުވި އައިސްޕްލާންޓް ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ ރަށުގެ އައިސް ޕްލާންޓު ބޭނުންނުކުރެވޭ ވަރަށް އަނދައިފައި ވާކަމަށް ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ. ފުލުހުން ބުނި ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަނދަމުންދާ ކަމުގެ ރިޕޯޓުލިބުނީ މިއަދު 09:15 ހާއިރެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިފްކޯއިން ބުނީ އެ އަލިފާނުގެ ހާދިސާގައި ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ. އެ އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ 15 ވަރަކަށް ފޫޓު ހުންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ ފީއަލީ އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށެވެ. އެ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށާއި، ފެނަކައިން އެ ތަން މިފްކޯއާ ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. ފީއަލީ އައިސްޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި -- ފޮޓޯ/ މިފްކޯ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު، އައިސް ޕްލާންޓުގެ އިތުރުން، އެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް ވެސް ފެތުރުނެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހި، އޭނާއަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ. https://sun.mv/220358 އެ ދޯނިތައް ވެސް އަނދައި ހުލިވެފައިވާ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސްކުރަން ހެނދުނުގެ ވަގުތެއްގައި ބަނދަރާ ކައިރިކޮށްފައި ވަނިކޮށް، ޕަންޕު ޖެއްސި ގަޑީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ