ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން މީޑިއާތަކަށް ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ޝިޕްމަންޓްތައް ލިބެންފެށުމާއެކު ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށެވެ. އަދި ޚާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މި ދުވަސްވަރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ބައެއް ފަހަރު ލިމިޓް ކޮށްގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭސްއިން ދަނީ، ގޭސް ވިއްކަމުންނެވެ. ނަމަވެސް ސްޓޮކް އިޔާދަވުމުން އާންމު ހާލަތުގައި އެކުންފުނިން ގޭސް ވިއްކައެވެ.
މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ، 1000 ޓަނުގެ ސްޓޯރޭޖެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރަށް އަމިއްލަ ކުންފުންޏެއް ކަމުގައިވާ ވިލާއިންވެސް ސްޓޯރޭޖެއް ގެންގުޅޭއިރު، ދެ ފަރާތުން އެކުގައި މިހާރު އޮންނަ ޑިމާންޑް މެނޭޖް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ގޭހުގެ ސްޓޯރޭޖް އިތުރުކުރުމަށް މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެއެވެ.
ގޭހުގެ އައު ޝިޕްމަންޓެއް މާކެޓަށް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ