ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އެގޮތުން މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ވަނީ ޒަކާތް ބަލައިގަންނަން ފަށައިފައެވެ.
މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:
22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު  10:00އިން 13:00އަށް
10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު  11:00އިން 14:00އަށް
އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކަންޖެހެނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންނެވެ.
ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލެވެ.
ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:
ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
ފަހިޕޭ މޯބައިލް އެޕް
އަވަސް މޯބައިލް އެޕް
ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތައް:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
ރަތް ހަނޑޫ: 96 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ