މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަށް ގޭބިސީއަކުން 32 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ހާދިސާ އާ ގުޅިގެން އެ އޮތޯރިޓީ އާއި ސިފައިންނާއި ފުލުހުންގެގެ އިތުރުން ރެޑް ކްރެސެންޓުގެ ހޮޓްލައިން ތަކަށް 101 ކޯލް ލިބިފައިވާ ކަމަށެވެ.
އެގޮތުން, އަށް ގޭބިސީ އަކުން 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ވަނީ ހަމަޖައްސައި ދީފައެވެ. އެންޑީއެމްއޭއިން ބުނީ އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއި ހެދުމަށާއި ނިދާ, ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން އެ ތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލް އަދި ސިޓީސް މިނިސްޓްރީގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލި ބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އޭގެ ތެރޭގައި އެކި ގޭގެއާއި ފިހާރަ އަދި ގުދަންތައް ހިމެނެއެވެ.
ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ރެޑް ކްރެސެންޓުގެ އެހީތެރިކަމާއެކު ވަނީ ހަދާފައެވެ.
އެންޑީއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެހީތެރިކަމަށް އެދި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނެވެ. މާފަންނުން 59 މީހުން ރިޕޯޓުކޮށްފައިވާއިރު ގަލޮޅުން 21 އަދި ހެންވޭރުން ރިޕޯޓުކޮށްފައިވަނީ 17 މީހުންނެވެ. މައްޗަންގޮޅިން ދެ ރިޕޯޓު ލިބިފައިވެއެވެ.
އަށް ގޭބިސީއަކުން 32 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ