ހީނާއަށް: ދޮގުހަދާ ވަކަންކުރަން ނުހުރެ ގެއަށްކަނޑާލާ

އެންސްޕާގެ ހިޔާނާތަށް ފަހުވެސް ހީނާ ވަލީދު އެހުރީ މަގާމުގައެވެ. އެމްއެމްޓީވީއާއެކު އެންސްޕާއިން ހިޔާނާތުގެ އެގްރިމެންޓެއް ހަދައިގެން ކައްވާލަން އުޅުނީ ދިވެހި ރައްޔިތުންނަށް ބޭސް ފަރުވާއަށް ހުރި ލާރިކޮޅެވެ. 
ރައީސް މުއިއްޒު ކޮރަޕްޝަނަށް ޖާގަ ނުދޭނެކަމަށް ބުނެ އެންމެ ބާރަށް ވާހަކަ ދައްކަނީވެސް ހީނާއެވެ. އެންސްޕާގެ ވެރިކަމާއި ދިވެހި ސަރުކާރުގެ ތަރުޖަމާނުކަން ކުރާ ހީނާ ވަލީދަކީ މިހާވަރަށް ގޮތް ފޮތްނެތް އަންހެނަކަށް ވެދާނެކަމަށް ހިތައްވެސް ނާރައެވެ. ކޮރަޕްޝަނާއި ފަސާދަ ހިންގުމުގައި ހީނާ ވެސް ފަޒުލަކަށް ދުލެއް ނުކުރެއެވެ.
އެންސްޕާ މެދުވެރިކޮށް އެމްއެމްޓީވީ ހިންގަން އިމާރާތަކުން ހިލޭ ބޮޑު ދެފްލޯރ ކުއްޔަށް ހިފާދިނުމަކީ ކުޑަކުޑަ ކަމެއްނޫނެވެ. 30.4 މިލިޔަން ރުފިޔާ އެންސްޕާގެ ތެރެއިން އެމްއެމްޓީވީއަށް ކައްވާލަ ދިނުމަކީ އިއްތިފާގެއް ނޫނެވެ. ރޭވިގެން ހިންގި ބޮޑު ހިޔާނާތެކެވެ. ވައްކަމެކެވެ. ބޮލުން ނަގުލަށް ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.
މުއިއްޒުގެ އެންގުމަށް ހީނާ ވަލީދު އިސްވެހުރެ އެންސްޕާގެ ތެރެއިން މުއިއްޒު ޓީވީ ހިންގުމަށް ހިންގާލި ޖަރީމާ ފަޅާއެރުމުން އެއްބަސްވުން ބާތިލުކުރުމަކުން އެޖަރީމާ ނުހިންގާ ކަމަކަށް ނުވާނެއެވެ. ބާތިލު ކުރި އެއްބަސްވުމުގެ ތެރެއިން ބަދަލުކުރި ރައްޔިތުންގެ ފައިސާއަށް ވީކިހިނެއް ކަމެއް އެހިސާބަކުން ނޭގެއެވެ. 30.4 މިލިޔަން ރުފިޔާ ވަނީ ކޮންތާކަށްކަން އެނގެން ޖެހެއެވެ. އެގްރިމެންޓް ބާތިލުކޮށްލައިގެން ނުވާކަމަކަށް ހަދައިގެން ހީނާ އާއި މުއިއްޒަކަށް ނުތިބެވޭނެއެވެ. 
ހީނާ އަށް ދައުލަތުގެ ދެމަގާމު ދީގެން ސައްހާފު ހައްދާފައި ބަހައްޓައިގެން ތިބެވިދާނެ ކަމަށް ހީނުކުރާށެވެ. އެންސްޕާއިން މުއިއްޒު ހިންގުވި އެމްއެމްޓީވީ ހިޔާނާތް ފުލުހުންނާއި އޭސީސީ މެދުވެރިކޮށް ހަލާލު ކުރުވިދާނެ ކަމަށް އުންމީދު ނުކުރާށެވެ. އެއަށްވުރެ ރައްޔިތުން މިހާރުތިބީ ހޭލައެވެ. ރާގުރާގަށް ކުރީ ސަރުކާރު ވާހަކަ ދައްކައިގެން މީހުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލެވިދާނެ ކަމަށް ހީނުކުރާށެވެ. 
އެންސްޕާ ހިޔާނާތް ހިންދާލަން އެއްބަސްވުން ބާތިލުކޮށް އެފައިސާ އަނބުރާ ޖަމާކުރިޔަސް ޖަރީމާ އެ އޮތީ ހިންގާފައެވެ. މަތި އަޅަން ކޮންމެ އޮފެއް އެރުވިޔަސް މުއިއްޒާއި ހީނާ ގުޅިގެން އެ ޖަރީމާ ނުހިންގާ ކަމަކަށް ނުވާނެއެވެ. އިތުރަށް އެންސްޕާގެ ވެރިކަމުގައި ހީނާ ވަލީދު ހުރުމަކުން ރައްޔިތުންގެ އިތުބާރެއް އެންސްޕާއަކަށް އަދި ހީނާއަކަށްވެސް ދެން ނުލިބޭނެއެވެ. އަމްދު ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި ހީނާ ހުރެ ދައްކާ އެއްވެސް ވާހަކައެއް ރައްޔިތުން މިހާރު ގަބޫލެއް ނުކުރާނެއެވެ. ހިނާ ޖެހޭނީ ދައުލަތުގެ މަގާމުތަކުން އިސްތިއުފާދީފައި އިންސާފާ ކުރިމަތިލާށެވެ.
ހީނާއެވެ. ތިޔައީ ތިޔަހެން އުޅެންޖެހޭ ވަރުގެ ކަނބަލެއް ނޫނެވެ. އަމިއްލަ ނަފްސް އަމިއްލައަށް ދިރިހުރެ ކަފުން ނުކުރާށެވެ. ބިރުވެތިވާށެވެ. ޖެއްސެވި ގިލަންވެރިކަމުން އަރައިގަނެވުނީތީ ޝުކުރުވެރިވެ ހަމްދު ކުރާށެވެ. ދެންވެސް ދޮގުހަދާ ވައްކަން ކުރަން ނުހުރެ އަވަހަށް ގެއަށް ކަނޑާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ