މައުމޫނު ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލު ކުރައްވައިފިއެވެ.
އެމްއާރްއެމް އިން ކުރި ޓްވިޓެއްގައި ބުނީ ލަންކާގެ ރައީސާ އެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި މައުމޫން ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވާ އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ލަންކާ އަށް މި ފަހުން ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ފަރާތުން އަބަދު ވެސް އެ ގައުމަށް ދެމުން ގެންދާ އެހީތެރިކަމަށް ރަނިލް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ވެސް އެޓްވީޓުގައި ވަނީ ބުނެފައެވެ.
އަމިއްލަ ދަތުރުފުޅެއްގައި މައުމޫން ލަންކާ އަށް ވަޑައިގެންނެވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ދަތުރުފުޅުގައި ދަރިކަލުން ފާރިސް މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މައުމޫނަކީ ލަންކާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "މިތުރަ ވިބޫޝަނަ އެވޯޑް" ވެސް 2008 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ