ކުރިޔަށް އޮތް ދުވަސްތަކުގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ލ.ގަމުގައި ފެށިގެން ދާނެ ކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވިއިރު ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދިއުމަކީ ކުރައްވާ އުންމީދެއް ކަމަށް ވިސާމް ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.
ލ.ގަމު ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ނުފެށި ހުރި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވިކަން ހާމަކޮށް މެމްބަރުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ފެށިގެން ދާނެ ކަމަށެވެ.
އަދި ސަރުކާރުން މިހާރު ބާއްވަމުންދާ ވިޔަވަތި ކޮންފަރަންސް އަންނަ މަހު ލ.ގަމުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މެމްބަރު ވިސާމް ވަނީ ވިދާޅުވެފައެވެ.
މިފަދަ ޕޯސްޓެއް މެމްބަރު ކުރެއްވިއިރު ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިހާތަނަށް އައިއިރު ނުފެށި ލަސްވާތީ އެކަމާމެދު ރައްޔިތުން އަންނަނީ ނުރުުން ފާޅުކުރަމުންނެވެ.
މެމްބަރު ވިސާމް ވިދާޅުވެފައިވަނީ ކެންސަރ ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ވިދާޅުވެފައިވާ ކަމަށެވެ.
ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފަށަން އިންޑިއާގެ ޓީމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތޭރޭގައި ރާއްޖެއަށް އަނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ސާލިހް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ ވަނީ ގަމު ކައުންސިލާ ބައްދަލުކުރައްވާ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިއަހަރަށް ގިނަ މަޝްރޫޢުތަކެއް ބަޖެޓްކޮށްފައިވާ އިރު މި މަޝްރޫޢުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫޢާއި، ގިރާ ސަރަޙައްދު ޙިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮއްދެއްވުމަށާއި، ރަށުގެ ސިއްޙީ ޚިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަޙައްދުތައް ތަރައްގީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ލ.ގަމުގަ ފެށިގެންދާނެ: މެމްބަރު ވިސާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ