ފަހު ވަގުތު ޖެހި ގޯލާއެކު ދެކުނު ކޮރެއާ ގަދަ 16 އަށް، އުރުގުއާއީ އާއި ގާނާގެ ދަތުރަށް ނިމުމެއް

ފަހު ވަގުތު ޕޯޗުގަލް ކޮޅަށް ޖެހި ގޯލުން ހޯދި މޮޅާއެކު ދެކުނު ކޮރެއާ އިން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
މިރޭ ކުޅުނު ވޯލްޑް ކަޕްގެ “ގްރޫޕު އެޗް” ގެ މެޗުގައި ޕޯޗުގަލް އަތުން ކޮރެއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ކޮރެއާއަށް ވަނީ ޕޯޗުގަލާއެކު ގަދަ 16 ގެ ޖާގައެއް ލިބިފައެވެ. އަނެއް މެޗުގައި ގާނާ އަތުން 2-0 ގެ ނަތީޖާއަކުން އުރުގުއާއީ ވަނީ މޮޅުވެފައެވެ.
އެ ގްރޫޕުގެ ފަހު މެޗުތަކަށް ނުކުތް އިރު، ޕޯޗުގަލަށް އޮތީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. ގަދަ 16 ގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު ކޮރެއާ އާއި އުރުގުއާއީ އަދި ގާނާއަށް އޮތެވެ. އޭގެ ތެރެއިން އެންމެ ފުރުސަތު ބޮޑުކޮށް އޮތީ ގާނާއަށެވެ.
ކޮރެއާއަށް ގަދަ 16 ގެ ޖާގައެއް ހޯދުމަށް އަނެއް މެޗު ނިމެންދެން އިންތިޒާރުކުރަން ޖެހުނެވެ. ގްރޫޕުގެ ދެވަނައިގައި ނިންމާލި ކޮރެއާ އަދި ތިންވަނައިގައި ނިންމާލި އުރުގުއާއީއަށް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެ ދެ ޓީމު ގޯލުގެ ތަފާތުން ވެސް ވަނީ އެއްވަރުވެފައެވެ. ކޮރެއާއަށް ގްރޫޕުގެ ދެވަނަ ލިބިފައިވަނީ ޖެހި ގޯލުންނެވެ.
މިރޭ ކުޅުނު މެޗުގައި ޕޯޗުގަލުން ވަނީ ކުރީކޮޅުގައި ކޮރެއާ ކޮޅަށް ގޯލެއް ޖަހައި، ލީޑު ހޯދައިފައެވެ. ޑިއޭގޯ ޑަލޮޓް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދިން ބޯޅައަކުން ޕޯޗުގަަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިކާޑޯ ހޯޓާއެވެ.
އެ ގޯލަށްފަހު ކޮރެއާ އިން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރި އިރު، ޕޯޗުގަލަށް ވެސް ހުސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ހުސް ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ، ކޮރެއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ކޮރެއާ އިން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކިމް ޔަންގް ގުވޮންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ނުރައްކާކޮށް ފެނުނީ ކޮރެއާއެވެ. ގިނަ މަސައްކަތްތަކަކަށްފަހު ކޮރެއާއަށް ލީޑު ހޯދުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ސޮން ހިއުން މިން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުވަންގް ހީ ޗާންއެވެ.
ގްރޫޕުގެ އަނެއް މެޗުގައި ގާނާ ކޮޅަށް އުރުގުއާއާ އިން ދެ ގޯލު ޖެހީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އުރުގުއާއީގެ އެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޑި އަރަސްކައެޓާއެވެ. އެ ދެ ގޯލު ޖެހުމުގައި އުރުގުއާއީގެ ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒްގެ ދައުރު ފާހަގަކޮށްލެވެއެވެ.
އެ ގޯލަށްފަހު ދެވަނަ ހާފުގައި ވެސް އުރުގުއާއީއަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އުރުގުއާއީއަށް އިތުރު ގޯލެއް ނުޖެހި، ގާނާއާއެކު ޖެހުނީ މުބާރާތް ނިންމާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ