މައުމޫން ބޭރަށް ކުރައްވަން އޮތް ދަތުރުފުޅު ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހުރެ ފަސް ކުރައްވައިފި

ސަރުކާރު ހިންގާ ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ވަގުތު ދެއްވުމުގެ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިސްރަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ. ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓެރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރައީސް މައުމޫން މާލޭގައި މަޑުކުރެއްވުމަށް ނިންމެވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ބޭރުން އަދި ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް ޕީޕީއެމްގެ ތެރެއަަށް އިންގިލާބެއް ގެނެސް ޕީޕީއެމްގެ ރައީސްގެ ބާރު ކަނޑުވާލައި ޕީޕީއެމްގެ ރައީސްގެ އެ މަގާމުން ދުރުކޮށް، ޕީޕީއެމްގެ އާންމު މެމްބަރުންގެ ހައްގުތައް ނިގުޅައިގަތުމަށް ޕީޕީއެމްގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާތީ، އާންމު މެމްބަރުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ. ސަރުކާރުގެ ބައެއް ނިންމުންތަކާމެދު ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫނާ ދެމެދު ހިޔާލުތަފާތުވުން އުފެދި ޕީޕީއެމްގެ ތެރޭގައި ވަނީ ފެކްޝަން އުފެދިފަ އެވެ. އެގޮތުން ރައީސް ޔާމީނަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް މައުމޫނަށް ތާއިދު ކުރާ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. ޕީޕީއެމްގެ އޮފީސް ހިންގުން ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، ޕާޓީން ކުރާ އިއުލާންތަކަށް ތަބާނުވުމަށް ރައީސް ޔާމީންގެ ފެކްޝަނުން ދަނީ އަންގަމުންނެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޕީޕީއެމުން ކުރި އިއުލާނަށް އަމަލު ނުކުރުމަށާއި ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބެލުމުގެ ދަށުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ އާންމު މެމްބަރުންނަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ