މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ގްރޫޕަކުން ހަމަލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މެމްބަރު ޝަރީފަށް ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހު މެންދުރު މެންހަޓަން ބިޒްނަސް ހޮޓަލް ތެރޭ މަރަދޫ ދާއިރާގެ ކެމްޕޭން ޓީމާއެކު އޭނާ އިންނަވަނިކޮށް އެތަނުގެ ތެރެއަށް ގުރޫޕަކުން ވަދެ ކަމަށް މައުލޫމާތު ލިބެއެވެ.
މެމްބަރު ޝަރީފަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ޝަރީފްގެ މޫނަށް އެކިވަރުގެ ޒަހަމް ލިބިފައި ވެއެވެ. އޭނާގެ މުނާއި ލޯ ނޫފައިގަނެ ދުޅަ ވެފައި ވާއިރު، މޫނު މަތީ ވަކިއެޅިފައި ވެސް ހުއްޓެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް މައުލޫމާތުދެމުން ފުލުހުން އޭރު ބުނެފައިވަނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި ވޯޓުލީ ދުވަސްކަމަށްވާ ހޮނިހިރު ދުވަހު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވިފައި ވާކަމަށެވެ.
އެގޮތުން، އެފަދަ ގުރޫޕުތަކަށް ނިސްބަތްވާ މީހުން ބައެއް މީހުންނަށް އިންޒާރުދީ، ބިރުދެއްކުމާއި އިންތިޚާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މުއައްސަސާއިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ މެމްބަރަށް ހަމަލާދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ ޝަރީފަށް ހަމަލާދިން މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުން ކަމަށާއި މިއެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން އާންމުކުރި މައުލޫމާތުގައިވެއެވެ.
ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާއަށާއި 24 އަހަރުގެ ދެ މީހުންނަށް 60 ދުވަސް އަދި 24 އަހަރުގެ އެކަކަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެ ހިދުމަތުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ