ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން މިއަދު ވަކި ކުރި ކުރުމަކީ، ނައިބު ރައީސް ކަމަށް ދެންވެސް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބިގެން ދިޔަ އިބުރަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަށް ފަހު މަޖިލީހުން ނުކުމެވަޑައިގެން ގާސިމު ވިދާޅުވީ، ޖަމީލުގެ އިތުބާރު ނެތް ކަމަށް ފާސްވުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި، ރަނިންމޭޓަކު ހިޔާރު ކުރަނީ ވަކި ނުކުރެވޭ ގޮތަށް ނޫން ކަމަށެވެ. އަދި ޖަމީލުގެ އިތުބާރު ނެތް ކަމަށް ވެރިކަން ކުރާ ޕާޓީން ހުށަހެޅުމުން އެކަމާ އެހެން ބަޔަކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ. ޖަމީލް ވަކި ކުރުމަކީ ހަމަ މިނިސްޓަރަކު ވަކި ކުރުން ފަދަ ކަމެއް. މިއަދު ލިބިގެން މި ދިޔައީ ވަރަށް ބޮޑު ފިލާވަޅެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ނައިބު ރައީސަކަށް އަންނަ ބޭފުޅެއްގެ "ހިތް މަތިވެ" ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދަހިވެތިވެފައިވާ މަންޒަރު ފެންނަމުންދާ ކަމަށާއި އެފަދަ ބޭފުޅުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ގާނޫނު އަސާސީ އިން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޖަމީލު މަގާމުން ވަކިކުރަން 78 މެންބަރުންގެ ތާއީދު ކުެައްވާ ވޯޓްދެއްވި އެވެ. އަދި މިއަދުގެ ޖަލްސާގައި ޖަމީލް ވަކިކުރުމާއި ދެކޮޅަށް ދެ މެންބަރަކު ވޯޓް ދެއްވި އެވެ.
ނައިބު ރައީސް މަޤާމުން ވަކިކޮށްފައި މިވަނީ ޑރ މުހައްމަދު ޖަމީލް އަހުމަދަށް އިތުބާރު ނެތްކަމަށް ރައީސް އަބްދުﷲ ޔާމިން ނިންމަވާ މަޖިލީހުގެ 61 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައަށް މަޖިލީހުގައި މިއަދު ބަހުސް ކުރުމަށްފަހު އެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ވާހަަކަދެއްކެވި ގިނަ މެންބަރުން ވަނީ ޑރ. ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ޖަމީލު ވަކިކުރި ކުރުމަކީ ލިބިގެން ދިޔަ އިބުރަތެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ