23 ޓީމާއެކު 21 ވަނަ މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފި

23 ޓީމާއެކު 21 ވަނަ މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރު ފުރައަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެއުމުރު ފުރާތަކަކީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރައެވެ. އަދި ކޮންމެ އުމުރު ފުރައަކުން ވެސް އަންހެން އަދި ފިރިހެން ބައި ސްކޫލުތައް ވާދަކުރާ ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި މުބާރާތުގައި އިއްޔެ ވަނީ ފަސް މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ 14 އަހަރުން ދަށުގެ ބައިން ބ.ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ގޮއިދޫ ސްކޫލުންނެވެ. ދެވަނަ މެޗުގައި 14 އަހަރުން ދަށުގެ އަންހެން ބައިން އަމީނިއްޔާ ސްކޫލު އަތުން ގޮއިދޫ ސްކޫލު ވަނީ މޮޅުވެފަ އެވެ. އަދި އިމާދުއްދީން ސްކޫލުން ވަނީ ތާޖުއްދީން ސްކޫލާ ވާދަކޮށް މޮޅުވެފަ އެވެ.
މި މުބާރާތުގައި ރޭ ކުޅުނީ 16 އަހަރުން ދަށުގެ އަންހެން ބައިގެ ދެ މެޗެވެ. ފުރަތަމަ މެޗުން ގޮއިދޫ ސްކޫލް މޮޅުވީ އިމާދުއްދީން ސްކޫލާއި ވާދަކޮށެވެ. ދެވަނަ މެޗުގައި އަމީނިއްޔާ ސްކޫލުން ވަނީ ތާޖުއްދީން ސްކޫލްގެ މައްޗަށް ކުރިހޯދައިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ސުކޫލްތަކަކަކީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސީއެޗްއެސްއީ އެވެ.
ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި މިއަދުވެސް ފަސް މެޗް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފަިއ ވަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ