ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީން ދިނުމަށް ޖުޑީޝަލް އެކެޑެމީއެއް އުފެއްދުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ އެ ކޯޓުގެ ގަރާރަކުން ކަމަށް މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އަސާސީ ހައްގެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިންސާފު ލިބިދިނުމުގެ ހައްގަކީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއްވެސް ތަފާތުކުރުމަކާ ނުލާ އެކަށީގެންވާ އަވަސް މިނެއްގައި ފަސޭހަކަމާއެކު ލިބިދޭންޖެހޭ ހައްގެއްކަން އިނގެން އޮންނަ ކަމަށެވެ. އިންސާފު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ލިބިދިނުން ކަށަވަރުކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ ފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ސާކިއުލާގައިވެ އެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ވަކިފަރާތަކަށް ބުރަވުމެއް ނެތި މުސްތަގިއްލުކަމާއި، ނަޒާހާތްތެރިކަމާއި، އަވަސްކަމާއި، އިންސާފުވެރިކަމާއެކު ޝަރީއަތްކުރުމުގެ ހައްގު ކަށަވަރުކޮށްދެވޭނީ ހަރުދަނާކަމާއެކު ގާއިމުވެފައިވާ މުއައްސަސާއެއްގެ ތެރެއިން ޕްރޮފެޝަނަލް ގޮތުގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް ދާއިމީ ގޮތެއްގައި ދެވޭ "ކޮންޓިނުއިން ޖުޑީޝަލް އެޑިޔުކޭޝަން" ނިޒާމުގެ ތެރެއިން ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ މައްޗަށް ރިއާޔަތްކޮށް، ބެންޗާއި ބާރ އާއި ގާނޫނު އަދި ޝަރީއަތުގެ އިލްމު ދިނުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރުކުރެވޭ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް އެކަޑަމީއެއް ގާއިމުކުރުމަށް މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކަނޑައަޅައިފީމެވެ،" ސުޕްރީމް ކޯޓުގެ ސާކިއުލާގައިވެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އެކެޑެމީ ހިންގުމާ ބެހޭ ގަވާއިދު ވެސް އާންމުކޮށްފައިވާއިރު މިއަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފަށާގޮތަށް އެކުލަވާލާފައިވާ މި ގަވާއިދުގައިވާ ގޮތުން އެކެޑެމީގެ އެންމެ އިސް ފަރާތަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އިސްތިޝާރީ މަޖިލީހެކެވެ.
މި މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނީ އިލްމުގެ އުސްތާޒަކާއި އެ އެކަޑަމީގެ ޗާންސެލަރެވެ.
ގަވައިދުގައި ބުނެފައިވަނީ މި އެކަޑަމީގައި ޗާންސެލަރުގެ އިތުރުން ވައިސް ޗާންސެލަރަކާއި އެގްޒެކެޓިވް ސެކެޓްރީއެއް ހުންނަންޖެހޭނެ ކަމަށާއި ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ އެކަޑެމީގެ މަގާމުތަކަށް މީހުން ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރެވެ.
ޗާންސެލަރަކަށް އައްޔަންކުރާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ސުޕްރީމް ކޯޓު ނުވަތަ ހައި ކޯޓުގައި މަދުވެގެން ފަސް އަހަރު ވަންދެން ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށްވުން ނުވަތަ ގާނޫނީ ދާއިރާއިން ތައުލީމު ދިނުމުގައި ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވުމަށް ލާޒިމްކޮށްފައިވެ އެވެ.
ވައިސް ޗާންސެލަރަކަށް އައްޔަންކުރާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި އިސްތިއުނާފީ ކޯޓެއްގައި މަދުވެގެން ތިން އަހަރު ފަނޑިޔާރުކަން ކޮށްފައިވުން ނުވަތަ ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގައި ތިން އަހަރު ހޭދަކޮށްފައިވާ މީހަކަށް ވުމަށް ލާޒިމްކޮށްފައިވެ އެވެ.
ޖުޑީޝަލް އެކެޑެމީއެއް އުފައްދަން ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ