ހައްޖު މޫސުން ބޯމަތިވަމުން އަންނައިރު "މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް" ނުވަތަ މާރސް ރޯގާ ސައުދީ އަރަބިއްޔާގައި އިތުރުވާން ފަށައިފިއެވެ.
މާރސް ރޯގާގެ ސަބަބުން ސައުދީ އަރަބިއްޔާގައި ތިން މީހުން މަރުވުމާ ގުޅިގެން ވެރިރަށް ރިޔާޟްގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ކިންގް އަބްދުލް އަޒީޒް މެޑިކަލް ސިޓީގެ އިމަޖެންސީ ވޯރޑު މިހާރު ބަންދު ކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުގެ އޮފިޝަލުންނާއި ނޫސްތަކުން ބުނެއެވެ. މިކަން ހޮސްޕިޓަލުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ކިންގް އަބްދުލް އަޒީޒް މެޑިކަލް ސިޓީގެ އިމަޖެންސީ ވޯރޑް ބަންދުކުރީ 46 މީހަކު މާރސް ރޯގާއަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށާއި، އޭގެ ތެރޭގައި ހޮސްޕިޓަލްގެ ސްޓާފުން ހިމެނޭ ކަމަށް ސައުދީ ގެޒެޓް ނޫހުން ބުނެފައި ވެއެވެ.
ހޮސްޕިޓަލްގެ އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ޑިޕާޓްމަންޓްގެ އެގެޒެކެޓިވް ޑިރެކްޓަރ ހަނާން ބަލްޚީ ނެރުއްވި ބަޔާނެއްގައި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ބަޔަކަށް މާރސް ރޯގާގެ އަސަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައި ވެއެވެ.
މާރސް ރޯގާ ޖެހިގެން ކިންގް އަބްދުލް އަޒީޒް މެޑިކަލް ސިޓީގައި ފުރަތަމަ ފަރުވާ ދޭން ފެށީ އެންމެ މީހަކަށެވެ. ނަމަވެސް، ހޮސްޕިޓަލުގައި އެބަލި ފެތުރި، އިމަޖެންސީ ވޯރޑްވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބަންދު ކުރި ނަމަވެސް، އެބަލި ކޮންޓްރޯލުން ނައްޓައިގެން ދިޔައީ ނޫންކަމަށް ސައުދީ ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވެއެވެ. އެކަމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ސައުދީ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ ޚާލިދު އަލް ފާލިހް ވިދާޅުވެފައި ވެއެވެ.
ނަމަވެސް، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިފައިވާ މީހުންނާ ގައިގޯޅިކޮށް އުޅުމުގައާއި، އެފަދަ މީހުންނަށް ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް އޭނާވަނީ ގޮވާލައްވާފައެވެ.
މާރސް ރޯގާ ޖެހިގެން ސައުދީ އަރަބިއްޔާގައި އެންމެފަހުން މަރުވެފައިވަނީ، އުމުރުން 65 އަހަރާއި 86 އަހަރާ ދެމެދުގެ ސައުދީ ރައްޔިތުންނެވެ. މިއާއެކު، އެންމެ ފުރަތަމަ ސައުދީގައި ފެތުރެން ފެށި މާރސް ކޮރޯނާ ވައިރަސްގެ ސަބަބުން ސައުދީގައި އެކަނިވެސް 483 މީހުން ވަނީ މަރުވެފައެވެ. އަދި މިބަލީގައި ދުނިޔޭގެ އެކި ހިސާބުތަކުން މަރުވި މީހުންގެ އަދަދު ވަނީ 1118 އަށް އަރާފައެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމިލިއަނަށްވުރެ ގިނަ މުސްލިމުން މައްކާއަށް ޖަމާވާން ގާތްވަމުންދާއިރު، ހައްޖުވެރިން ސައުދީއަށް އެތެރެވާ ވަގުތުން ފެށިގެން ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ޕްލޭނެއް މިހާރު ތަންފީޒު ކޮށްފައިވާ ކަމަށާއި، ހައްޖުވެރިން މައްކާ، މަދީނާގެ ދަތުރުތަކާއި، ހައްޖުގެ އަޅުކަމަށްފަހު ސައުދީ އަރަބިއްޔާއިން ފުރައިގެން ދިއުމާ ހަމައަށް މި ޕްލޭންގެ ދަށުން ފިޔަވަޅުތަކެއް އެޅިފައި ހުންނާނޭ ކަމަށް ސައުދީ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލް ޚާލިދު އަލް ފާލިހް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ހައްޖު މޫސުމާ ދިމާކޮށްވެސް ސައުދީ ސަރުކާރުން ހައްޖުވެރިންގެ މެދުގައި އެއްވެސް ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށް ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން، މާރސްއާއި އެބޯލާއަށްވެސް ރައްކާތެރި ފިޔަވަޅުތައް އަޅާފައި ވެއެވެ. މިދިޔަ އަހަރުގެ ހައްޖު މޫސުން ސައުދީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވަނީ "ބަލިމަޑުކަމެއްނެތް" ހައްޖު މޫސުމެއްގެ ގޮތުގައެވެ.
ހައްޖު މޫސުން ގާތްވަމުން އަންނައިރު ސައުދީގައި މާރސް ރޯގާ އިތުރުވާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ