އދ.ގެ ސްޕެޝަލް ރެޕޮޓުއާ ޑރ. ޝަހީދު އީރާނަށް ނޭރުވުމަށް އެގައުމުން ނިންމައިފި

އދ. އިން އީރާނަށް ކަނޑައެޅި ސްޕެޝަލް ރެޕޮޓުއާ އޮން ހިއުމަން ރައިޓްސް ޑރ. އަހުމަދު ޝަހީދު އެ ގައުމަށް ދަތުރުކުރުމުގެ ހުއްދަ ނުދިނުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
އީރާންގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ އާ ހަވާލާދީ ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ ބުނި ގޮތުގައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކައުންސިލުން އެގޮތަށް ނިންމީ އެކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގަ އެވެ.
މިނިވަން މުސްތަގިއްލު މަގާމެއް ކަމަށްވާ ސްޕެޝަލް ރެޕޮޓުއާ އޮން ހިއުމަން ރައިޓްސްގެ މަގާމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ހަމަޖެއްސީ މިދިޔަ ހުކުރު ދުވަހު އެވެ. އދ. އިން އެމަގާމު އުފެއްދީ މި އަހަރުގެ މާޗް މަހު އެވެ.
"ދުނިޔޭގައި އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގަންނަ ގައުމުތަކަކީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޒަޔަނިސްޓް ދައުލަތް( އިސްރާއީލް)،" އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޝަންގެ ޑެޕިއުޓީ ޗީފް މުހައްމަދު ކަރީމް އަބޭދީ ވިދާޅުވި ކަމަށް ޒިންހުއާ ނިއުސް ބުންޏެވެ.
އަބޭދީ ވިދާޅުވެފައި ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އީރާނުގެ ބަދަލުގައި ބަލަން ޖެހޭނީ އެ ގައުމުތަކުގެ މައްސަލަ ކަމަށެވެ.
އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ފޮރިން ޕޮލިސީ އެންޑް ނެޝަނަލް ސެކިއުރިޓީ ކޮމިޝަންގައި ވެސް ހިމެނިވަޑައިގަންނަވާ އަބޭދީ ވިދާޅުވެފައި ވަނީ އީރާނުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
އީރާނުގެ އެކިއެކި މައްސަލަތައް ބެލުމަށް ފޮނުވާ އދ.ގެ އިސް އޮފިޝަލުން އެގައުމަށް ދަތުރުކުރުމުގެ ހުއްދަ ނުދޭނެ ކަމަށް މީގެ އެތައް އަހަރެއް ކުރިން އީރާނުން އަންނަނީ ބުނަމުންނެވެ.
އީރާނުގެ ގާނުނުހަދާ މަޖިލިސްގެ ހިއުމަންރައިޓްސް ކޮމިޓީގެ ޗެއާމަން ޒުހްރާ އެލާހިއަން ވިދާޅުވި ކަމަށް އީރާނުގެ ތެހެރާން ޓައިމްސްގައި ބުނެފައި ވަނީ އދ.ގެ ސްޕެޝަލް ރެޕޮޓުއާ އަކަށް ހަމަ ޖައްސާފައި ވަނީ މުސްލިމަކަށް ވާތީ އޭނާ އަށް އީރާނުން އިހުތިރާމު ކުރާ ކަމަށެވެ. އަދި ޓޫރިސްޓެއްގެ ގޮތުގައި އޭނާ ( ޑރ. އަހުމަދު ޝަހީދު) އީރާނަށް ދަތުރުކުރުމަކީ އީރާނުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
ޑރ. ޝަހީދު މިއަދު ވިދާޅުވީ އދ. އިން އޭނާ ހަމަޖެއްސެވި މަގާމާއި އަދި އިރާނުގެ ނިންމުމާ ބެހޭ ގޮތުން އަދި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ