ގާޒީ ނިހާނާއި މެދު ގޮތެއް ނިންމޭނީ އިސްތިއުނާފު މަރުހަލާ ނިމުމުން: ޖޭއެސްސީ

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި 17 އަހަރަށް ޖަލަށް ލާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާ މެދު ގޮތެއް ނިންމޭނީ އިސްތިއުނާފްގެ މަރުހަލާ އަށް ފަހު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ދުވަހަށް ވިދާޅުވީ އެ މައްސަލައިގަ ނިހާން ސަސްޕެންޑް ކޮށްފައިވާއިރު އިތުރު ގޮތެއް ދެން ހެދޭނީ އިސްތިއުނާފު މަރުހަލާ ނިމުމުން ކަމަށެވެ. އެ މަރުހަލާގައި މައްސަލަ އެހެން ގޮތަކަށްވެސް އެނބުރުން އެކަށީގެންވާ ކަމަށް ޒަހީން ވިދާޅުވި އެވެ.
“އަޅުގަނޑުމެންނަށް އެޅޭނެ ފިޔަވަޅު އެވަނީ އެ މައްސަލައިގަ އަޅާފަ، އެއީ ސަސްޕެންޑް ކުރުން. ދެން އިތުރަށް ކުރިޔަށް ދެވޭނީ އިސްތިއުނާފުގެ މަރުހަލާ ނިމުމުން،” ޒަހީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާޒީ ނިހާން މަގާމުން ވަކި ކުރެވޭނީ ޖޭއެއްސީން މަޖިލީހަށް ހުށަހެޅުމުން ކަމުގައި ވިޔަސް އެ މައްސަލަ މިވަގުތު އޮތީ ކޯޓު މަރުހަލާގައި ކަމަށްވާތީ އަދި އެ ކޮމިޝަނުގައި އެކަމާ ގުޅޭގޮތުން މަޝްވަރާވެސް ނުކުރާ ކަމަށެވެ.
ކޯޓު އަމުރުގެ މައްސަލާގައި މެޖިސްޓްރޭޓްކަމުން ނިހާން ސަސްޕެންޑްކޮށްފައި ވަނީ މިދިއަ ފެބުރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.
ގާނޫނު އަސާސީގައި ވާގޮތުން ފަނޑިޔާރުކަމުން މީހަކު ވަކިކުރެވޭނީ އެ މީހަކު ވަކި ކުރަން ޖޭއެސްސީން ނިންމުމުން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.
ކްރިމިނަލް ކޯޓުން ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު އުސޫލުތަކާ ހިލާފަށް ނިހާން ކޯޓު ހުޅުވައިގެން ކަމާ ނުބެހޭ މީހުން ވައްދައި، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާ އެކު އެ ކޯޓުގެ ލެޕްޓޮޕް ކައިރީ އިންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ