ޕީޕީއެމަށް މެންބަރުން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ބައްލަވާލެއްވުމަށް ތ. އަދި ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ޕީޕީއެމްގެ މުއައްސިސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ލ. ގަމަށް ވަޑައިގެންފި އެވެ.
ޕީޕީއެމްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ ރައީސް މައުނޫންގެ މިދަތުރު ފުޅުގައި ޕީޕީއެމަށް ފޯމް ފުރުއްވާ ބޭފުޅުންގެ އިތުރަށް އެރަށް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މީހުންގެ ހާލުއަހުވާލު ބައްލަވާ ކަމަށެވެ.
"ލ. އަތޮޅަށް ރައީސް މައުމޫން ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަޑައިގަތީ އެ އަތޮޅު ފޮނަދުއަށް، އެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި. ދާދި ދެންމެއަކު އެމަނިކުފާނު އެވަޑައިގަތީ ގަމަށް. ގަމުގައި ވެސް ވަރަށް ބޮޑު ތަރުހީބު އަޅުގަނޑުމެންނަށް އެބައޮތް،" މުންދު ވިދާޅުވި އެވެ.
ލ. އަތޮޅުގައި ޕީޕީއެމުގެ ފޯމް ފުރަމުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު މުންދު ވިދާޅުވީ އެ އަތޮޅުގެ ރަށްރަށުން ފޯމް ފުރާ މީހުންގެ ސީދާ އަދަދު އަދި ވިދާޅުވުމަށް ދަތިކަމަށެވެ. އެހެންނަމަވެސް އެ އަތޮޅު މާވަށުން އެކަނި ވެސް 250 ފޯމް ހަވާލްކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މިއަދު ރައީސް މައުމޫން ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ތ. އަތޮޅު ގުރައިދޫގައި ވަރަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ޕީޕީއެމްގެ މުއައްސިސް ކުރީގެ ރައީސް މައުމޫން ލ. ގަމަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ