ޔާމީން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރުމަކީ ލާޒިމް ކަމެއް: ސަލީމް

ޔާމީން ސަލާމަތް
ކުރެއްވުމަށް މަސައްކަތް ކުރުމަކީ ގައުމުގެ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް
ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު
ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ
ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި މި ޒަމާނުގެ
ތަރައްގީ ރާއްޖެ އަށް ގެންނެވި ކަމަށާއި އެ މަނިކުފާނަށް ފުރުސަތު
ލިބިވަޑައިގެންނެވި ނަމަ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ގައުމަށް ރާއްޖެ
ހެއްދެވީސް ކަމަށެވެ.
 “އެހެންވެ، ޔާމީން ސަލާމަތް
ކުރެއްވުމަށް މަސައްކަތް ކުރުމަކީ ގައުމުގެ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް،”
ސަލީމް ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށް
ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު
ހުކުމަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ އެއީ ލިބިފައިވާ ބާރުގެ ތެރެއިން،
ނުހައްގުން އެ މަނިކުފާނަށް ދީފައިވާ އަދަބެއް ކަމަށެވެ. އެކަމަކު ނުހައްގުގެ
ގޮތުގައި ބާރުގެ ބޭނުން ކުރާނަމަ އިސާހިތަކު އެ ބާރު ގެއްލިގެން ހިނގައިދާނެ
ކަމަށް ވިދާޅުވެ ސަރުކާރަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. ސަލީމް
ވިދާޅުވި ގޮތުގައި މިއަދު ބާރުގައި ހުންނަ މީހާއަށް މާދަމާ އެހެން ހާލަތެއް ވެސް
ކުރިމަތިވެދާނެ ކަމަށާއި އެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އޭނާ
މިސާލު ޖެއްސެވީ ނަމްރޫދު ރަސްގެފާނަށް ކުރިމަތިވި ހާލަތުންނެވެ.
“ބާރަކީ ވެސް
ކުރެވޭ އިމްތިހާނެއް. އެ އިމްތިހާނުން ފާސްވުމަށް ހައްގު ގޮތުގައި މަސައްކަތް
ކުރަން ޖެހޭ،” ސަލީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ